ޚަބަރު

ނާޒިމް ދޫކޮށްލުމަށް ގޮވާލެއްވުމަކީ ޤާނޫނާ ޚިލާފުކަމެއް– ޑރ.ޝައިނީ


ޖަލުޙުކުމެއް ތަންފީޒުކުރައްވަމުންދާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމް ދޫކޮށްލުމަށް، ގޮވާލެއްވުމަކީ ޤާނޫނާ ޚިލާފުކަމެއްކަމަށާ، އެއީ ސަރުކާރަށް ކުރެއްވޭނެކަމެއް ނޫންކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ.މުޙަންމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

މިރޭ ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޝައިނީ ވިދާޅުވީ، އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަންގެ ނިންމުމާ އެއްގޮތަށް ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދޫކޮށްލުމަށް، ގޮވާލައްވާ ފަރާތްތަކަށްވެސް އެއީ ޤާނޫނާ ޚިލާފުކަމެއްކަމާއި، އަދި އެކަން ސަރުކާރަށް ކުރެއްވޭނެގޮތެއް ނެތްކަން އެނގިވަޑައިގަންނަވާނެކަމަށެވެ.

ޑރ.ޝައިނީ ވިދާޅުވީ އދ. ގެ ވޯކިން ގުރޫޕުގެ ނިންމުމަކީ ރިކޮމެންޑޭޝަނެއް ކަމަށާ، އެއަށް އަމަލުކުރުން ދިވެހި ސަރުކާރަށް ލާޒިމް ނުކުރާ ކަމަށެވެ. އަދި ނާޒިމްގެ މައްސަލަ މިވަނީ ރާއްޖޭގެ ގާނޫނުއަސާސީގެ ތެރެއިން ނިމިފައިކަމަށާ، އެމައްސަލަ ކުރިއަށްގެންދިޔަ ޤާނޫނުގެ ދަށުން ނާޒިމްގެ ކުށެއްނެތްކަމަށް ސާބިތުކުރުމަކީ ސަރުކާރުން ކުރަންޖެހޭކަމެއް ނޫންކަމަށެވެ.

މިރޭ ޑރ.ޝައިނީ ވިދާޅުވީ މިމައްސަލާގައި އދ.ގެ ވޯކިން ގުރޫޕުން ނިންމި ނިންމުންތަކުގައި ސުވާލުއުފެދޭ ކަންތައްތަކެއް އެބަހުރިކަމަށެވެ. އެގޮތުން އެނިންމުމުގައި ރާއްޖޭގެ ޝަރުޢީ ދާއިރާގައިހުރި ބައެއް މައްސަލަތައްކަމަށް ވިދާޅުވެ ފާޅުކުރައްވާފައިވާ ކަންތައްތަކުގައި، ރާއްޖޭގެ ހާލަތު ދެނެގަތުމަށް ވޯކިން ގްރޫޕުން ރާއްޖެ އަށް ދަތުރެއް ކުރުމުގެ އިންތިޒާމުތައް ހަމަޖައްސައި ދިނުމަށް އެދިފައިވާކަމަށާ، އެހެންނަމަވެސް މައްސަލައެއްބަލައި ރާއްޖެއާމެދު ވަކިގޮތެއް ނިންމުމަށްފަހު ދެން ރާއްޖެއައުމުގެ މަޤުސަދަކީ ކޮބައިކަމާމެދު ސުވާލު އުފެދޭކަމަށް ޑރ.ޝައިނީ ވިދާޅުވިއެވެ.