ކުޅިވަރު

ޚިދުމަތުގައި 26 އަހަރު، ޑޯނާއަކީ އެހެން ރެފްރީންނަށް މިސާލެއް!


އުމުރުން 17 އަހަރުގައި ފުޓްބޯޅަ ރެފްރީކަންކުރަން ފެށި އިބްރާހިމް ތައުފީގް (ޑޯނާ) އަކީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެސިސްޓެންޓް ރެފްރީންގެ ތެރޭގައި ހިމެނޭ ރެފްރީއެކެވެ. 

މަޢުޙަދުގައި ތަޢުލީމް ޙާސިލްކުރަމުންދިޔަ ދުވަސްވަރު އެފްއޭމުން ހިންގި ރެފްރީ ކޯހެއްގައި ބައިވެރިވެ ރެފްރީކަންކުރަން ފެށި ޑޯނާ އެންމެ ފުރަތަމަ މެޗެއްގައި ރެފްރީކަންކޮށްފައިވަނީ 1991 ވަނަ އަހަރެވެ. އެއީ ޅ.ނައިފަރުގައި ކުރިއަށްދިޔަ މުބާރާތެއްގައެވެ. އޭގެ ފަހުން ގަލޮޅު ދަނޑުގައި އެންމެ އިތުބާރާއިއެކު ރޮނގު ބަލަހައްޓާ ރެފްރީންގެ ލިސްޓުން ޑޯނާ ޖާގަ ހޯދިއެވެ. 

1996 ވަނަ އަހަރާއި ހަމައަށް ގަލޮޅު ދަނޑުގައި ގިނަ ތަޖުރިބާތަކެއް ހޯދުމަށްފަހު ތަޢުލީމް ހާސިލްކުރުމަށް ރާއްޖެއިން ބޭރަށް ފުރަން ޖެހި ހަތަރު އަހަރު ގަލޮޅު ދަނޑުން ޑޯނާ ގެއްލިގެންދިޔައެވެ. 2000 ވަނަ އަހަރު އެނބުރި ރާއްޖެ އައިސް އޭނާ ފަސް އެނބުރި ބަލާފައެއް ނުވެއެވެ. އޭގެ ފަސް އަހަރު ފަހުން ފީފާގެ ބެޖް ހޯދައި ހަމަ އެ އަހަރު ބައިނަލްއަޤްވާމީ މުބާރާތަކުން ފުރުސަތު ހޯދިއެވެ. އެއީ އާސިއާން 19 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުންނެވެ. އެ މުބާރާތުގެ ސެމީ ފައިނަލްގައިވެސް ޑޯނާވަނީ ރޮނގު ބަލަހައްޓާފައިއެވެ. 

ސަރަޙައްދީ މުބާރާތްތަކަށް ބަލާލާއިރު ސާފް ގޭމްސްއާއި ސާފް ޗެމްޕިއަންޝިޕުންވެސް ޑޯނާ އަށް ފުރުސަތު ލިބި، ބައިނަލްއަޤްވާމީ ގިނަ މެޗުތަކެއްގައި އޭނާވަނީ އޮފިޝަލްކަން ކޮށްފައިއެވެ. މިއަހަރު ރިޓަޔަރ ކުރުމާއި ހަމައަށް 70 އަށްވުރެ ގިނަ ބައިނަލްއަޤްވާމީ މެޗަށް ޑޯނާ ވަނީ އިންސާފުކޮށްފައެވެ. މެޗުތަކުގައި އޮފިޝަލްކަންކުރުމަށް ޑޯނާވަނީ ތަފާތު 45 ޤައުމަކަށް ގޮސްފައެވެ.

img:http://s3.psmnews.mv/images/660x400/14856164142515.jpg|

އިންޑިޔާގައި އޮތް ނެހްރޫ ކަޕް ފައިނަލަކީ ޑޯނާގެ ކެރިއަރުގެ ކުރީކޮޅު އޭނާއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ. އަދި ނެހްރޫކަޕްގައި ޖޯޑަން އަދި ކިރްގިސްތާން ވާދަކުރި މެޗަކީ އޭނާ ބައިނަލްއަޤްވާމީ މެޗުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މެޗެވެ. އެ މެޗުގައި ޖޯޑަން ޓީމުން ޖެހި ލަނޑެއް އޮފްސައިޑް ކަމަށް ބުނެ ޑޯނާގެ ނިންމުމަށް ގިނަ ބަޔަކު ހިތްހަމަ ނުޖެހުން ފާޅުކުރިނަމަވެސް އޭނާވަނީ ލައިން ބަލަހައްޓާ އޮފިޝަލެއްގެ ހުނަރު އެ ވަގުތުކޮޅުވެސް ދައްކާލަ ދީފައެވެ. ގިނަ ބަޔަކު ދެކޮޅު ހެދި ނިންމުން ރީޕްލޭއިން ބަލާލުމުން ޑޯނާގެ ޤާބިލްކަން ސާބިތުވެގެންދިޔައެވެ. ނެހްރޫކަޕްގެ ފައިނަލްގެ އިތުރުން 2010 ވަނަ އަހަރުގެ އޭޝިއަން ގޭމްސް ފައިނަލަކީވެސް ޑޯނާގެ ކެރިއަރުގައި އޭނާ ފާހަގަކޮށްލާ މެޗެކެވެ.

އެފްއޭއެމުން ރާވާއި ހިންގާފައިވާ މުބާރާތްތަކުގައި 700 އެއްހާ މެޗުގައި އޮފިޝަލްކަންކޮށްފައިވާ ޑޯނާ ޤަބޫލުކުރާ ގޮތުގައި އޭނާގެ ކެރިއަރު ފެށި ދުވަސްކޮޅަކީ ރެފްރީން ހާލުގައި އުޅުނު ދުވަސްވަރެކެވެ. ޖާރޒީއެއް ހޯދަން ދަތިކަމުން ސްކޫލް ފަޓުލޫނު ސޯޓަކަށް ހަދާލައިގެން، ލަކޯސްޓޭ ޓީޝާޓުގައި މެޗުތަކުގައި އޮފިޝަލްކަންކުރަން ޖެހުނީ މަދެއްކޮށެއް ނޫނެވެ. އެހެންނަމަވެސް އޭރު ރެފްރީކަން ކުރަން ގިނަ ބަޔަކު ޝައުގުވެރިކަމާއިއެކު ދެމިތިބިކަން ޑޯނާ އުފަލާއިއެކު ފާހަގަކުރެއެވެ. 

ރާއްޖޭގައި މިހާތަނަށް ފެނުނު ރެފްރީންގެ ތެރެއިން ޑޯނާ އެންމެ ފާހަގަކުރާ ރެފްރީއަކީ ފީފާގެ ކުރީގެ ރެފްރީ އަލީ ސަލީމެވެ. ޑޯނާ ޤަބޫލުކުރާ ގޮތުގައި ސަލީމަކީ ސަޕޯޓަރުންނާއި، ކޯޗުން އަދި ކުޅުންތެރިންވެސް އޭނާގެ ނިންމުމަށް ދެކޮޅު ނަހަދާ ފެންވަރުގެ ރެފްރީއެކެވެ. އަދި ފިޓްނެސް ލެވެލްއަށް ބެލިޔަސް ސަލީމަކީ ބުރަ މަސައްކަތްތަކެއް ކުރާ ރެފްރީއެއްކަން ޑޯނާ ފާހަގަކުރެއެވެ. މިހާރު ރާއްޖޭގައި ތިބި ރެފްރީންގެ ތެރެއިން ޖާވިޒް އަދި ފަޒީލަކީ ބައިނަލްއަޤްވާމީ ފެންވަރުގައި އެންމެ ބޮޑަށް ތަފާތު ދެއްކޭނެ ދެ ރެފްރީންކަމަށް ޑޯނާ ލަފާ ކުރެއެވެ. 

img:http://s4.psmnews.mv/images/660x400/14856162298017.jpg|

26 އަހަރުގެ ދިގު ކެރިއަރުގައި އޭނާއަށް އެވޯޑެއް ލިބިފައިނެތަސް އޭނާގެ މާޔޫސްކަމެއް ނެތެވެ. އަބަދުވެސް ކޮންމެ މެޗެއް އެންމެ ފުރިހަމައަށް އިންސާފުކުރެވޭތޯ މަސައްކަތްކުރާ ޑޯނާ ބުނީ ފުޓްބޯޅައިގެ ފޯރިއާއި ސަޕޯޓް އޮތް ދުވަސްވަރު ބޮޑެތި މެޗުތަކުގައި އޮފިޝަލްކަންކުރަން ވަރަށް ބޭނުންވާކަމަށެވެ. އޭރު ފުޓްބޯޅައިގެ ގަދަ ބާރުތައްކަމަށްވާ ނިއުރޭޑިއަންޓް، ވެލެންސިޔާ އަދި ވިކްޓްރީގެ ކޮންމެ ކުރިމަތިލުމެއްގައި ރޮނގު ބަލަހައްޓަން ހުރިހާ ރެފްރީންވެސް ބޭނުންވާކަމަށް ޑޯނާ ބުންޏެވެ. 

އޭއެފްސީ ކަޕާއި އޭއެފްސީ ޗެމްޕިއަންސް ލީގު ކޮލިފައިން އާއި އޭއެފްސީ ޗެލެންޖް ކަޕުގެ އިތުރުން އޭއެފްސީ ޔޫތު މުބާރާތްތަކުގައި ރާއްޖެ ތަމްސީލްކޮށްފައިވާ ޑޯނާ މިހާރުގެ ރެފްރީންނަށް ދޭން އޮތް ނަސޭހަތަކީ ހިތްވަރާއި އެކު މަސައްކަތްކުރުމަށެވެ. ރެފްރީންނަށް ގިނަ ފުރުސަތުތަކެއް ހުރިއިރު، އެ ފުރުސަތުތަކުގެ ބޭނުން ހިފައި ޝައުގުވެރިކަމާއިއެކު މިކަން ކުރުމަށެވެ.