ޚަބަރު

ފުވައްމުލަކު ނަރުދަމާގެ މަސައްކަތް - މުއްދަތަށް ނިމޭނެ


ފުވައްމުލަކު ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫޢުގެ މަސައްކަތް، ރޭވިފައިވާ ގޮތަށްވުރެ ލަސްވިނަމަވެސް، މިހާރު އެމަސައްކަތް ކުރިން ކަނޑައެޅުއްވި ތާވަލާ އެއްގޮތަށް ކުރިޔަށް އެބަގެންދެވޭކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. 

މި މަޝްރޫޢުގެ މަސައްކަތް ލަސްވާގޮތް ދިމާވީ، މަޝްރޫޢަށް ބޭނުންވާ ތަކެތި ހިފައިގެން އެރަށަށް ދަތުރުކުރި ބޯޓު ފަރަށް އެރުމުގެ ޙާދިސާގެ ސަބަބުންނެވެ. އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ނިޒާހް މުޙައްމަދު ރަފީޢު ވިދާޅުވީ، މިމަޝްރޫޢުގެ މަސައްކަތުގެ ހަތެއް އިންސައްތަ މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން ދެ ޕަމްޕް ސްޓޭޝަނާއި ވިހި ކިލޯ މީޓަރުގެ ވެކިއުމް ނެޓްވޯކަކާއި އެއްތިރީސް ކިލޯ މީޓަރުގެ ވެކިއުމް ސްޓޭޝަން ގްރެވިޓީ ނެޓްވޯކެއް ޤާއިމްކުރެއްވުމަށް ހަމަޖެހިފައިވެއެވެ. އަދި 308 މީޓަރުގެ ސީ އައުޓްފޯލަކާއި ފަސްސަތޭކަ ނުވަދިހަފަސް މީޓަރުގެ ވެކިއުމް ޗެމްބަރެއްވެސް ޤާއިމްކުރައްވާނެއެވެ. މި މަސައްކަތްތައްވެސް މިހާރު ކުރިޔަށް އެބަގެންދަވައެވެ.

މި މަޝްރޫޢުގެ ދަށުން ޤާއިމްކުރައްވާ ފެނުގެ ނިޒާމްގައި ދުވާލަކު ފަސް ސަތޭކަ ޓަނުގެ ފެން އުފައްދާ ތިން ޕްލާންޓާއި، ހެޔޮ އަގުގައި ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ސަތޭކަ ދިހަ ކިލޯ ވޮޓްގެ ސޯލާ ނިޒާމެއްވެސް ޤާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށް ތިމާވެއްޓާބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

297 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށްޓަވާފައިވަނީ، މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައެވެ. މިއީ، މަސައްކަތް ފަށްޓަވާ ތާރީޚުން ފެށިގެން އެކާވީސް މަސް ދުވަހުގެ ތެރޭގައި ނިންމެވުމަށް ކަނޑައަޅުއްވާފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރިއަށް ގެންދަވަނީ ސްރިލަންކާގެ ސިއެރާ ކުންފުންޏާ ޙަވާލުކުރައްވައިގެނެވެ.