ޓުއަރިޒަމް

ޓޫރިޒަމް ވިޔަފާރިއަށް 2016 ވަނަ އަހަރު 124 ތަނަކަށް ހުއްދަ ދެވުނު


މިދިޔަ އަހަރު ޓޫރިޒަމް ވިޔަފާރި ފުޅާކުރެއްވުމަށް މުޅިން އަލަށް 124 ތަނަކަށް ހުއްދަ ދޫކުރައްވާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ފާއިތުވި އަހަރު ޓޫރިޒަމް ވިޔަފާރީގައި އެންމެ ގިނަ ހުއްދަ ދޫކޮށްފައި ވަނީ ގެސްޓްހައުސް ވިޔަފާރި ހިންގުމަށެވެ. ގެސްޓްހައުސް ވިޔަފާރި ހިންގުމަށް 101 ތަނަކަށް ޓޫރިޒަމް ހުއްދަ ދޫކުރައްވާފައިވެއެވެ. މިދިޔަ އަހަރު މުޅިން އަލަށް 11 ރިސޯޓް ހިންގުމުގެ ހުއްދަ ދޫކުރައްވާފައިވެއެވެ. ފަތުރުވެރިކަމުގެ ވިޔަފާރިކުރުމަށް 11 އުޅަނދަކަށް ހުއްދަ ދޫކުރައްވާފައިވެއެވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި ޓޫރިސްޓް ހޮޓަލަކަށްވެސް ވިޔަފާރިކުރުމުގެ ހުއްދަ ދޫކުރައްވާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.

667 ތަނަކަށް މުޅިން އަލަށް ޓޫރިޒަމް ވިޔަފާރިކުރުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދެއްވާފައިވެއެވެ. މި ތަންތަނުގައި ޖުމްލަ 37218 އެނދު ރަޖިސްޓްރީކޮށްފައިވެއެވެ.

img:http://s2.psmnews.mv/images/660x400/14782459243128.jpg|ތުލުސްދޫ ސީޒަން ޕެރެޑައިސްގެ ގެސްޓްހައުސް

2016 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގެ 19 އަތޮޅެއްގެ 72 ރަށުގައި ގެސްޓްހައުސް ހިންގަމުންދެއެވެ. މިދިޔަ އަހަރުގެ ނިޔަލަށް ރަޖިސްޓްރީކުރި ގެސްޓްހައުސްގެ ޖުމްލަ އަދަދު 382 އަށް އަރައެވެ. އަދި 86 ގެސްޓް ހައުސް އޮޕަރޭޓްކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

މިދިޔަ އަހަރު މުޅިން އަލަށް 11 ރިސޯޓެއް ހިންގުމަށް ހުއްދަ ދޫކުރައްވާފައިވެއެވެ. މިއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ތާރީޚުގައިވެސް ރެކޯޑެއްކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރައްވައެވެ.

ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ސަރުކާރުގެ އަމާޒަކީ ކޮންމެ އަހަރަކު މަދުވެގެން 11 ރިސޯޓް މާކެޓަށް ނެރުއްވުމެވެ. މިދިޔަ އަހަރު މިއަމާޒަށް ވާސިލްވެފައިވާއިރު، މިއަހަރުގެ ތެރޭގައި 20 ރިސޯޓް މާކެޓަށް ނެރުއްވުމަށް އުއްމީދުކުރައްވާކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.