ޚަބަރު

އުތީމުގައި ކުރިއަށްގެންދިޔަ މޫދު ކަސްރަތު ޕްރޮގްރާމް ނިމިއްޖެ


"މޫދު ކަސްރަތުން އުފާވެރިކަން" މި ނަމުގައި ހއ އުތީމުގައި ކުރިއަށްގެންދިޔަ މޫދު ކަސްރަތު ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

އުތީމު ކައުންސިލްގެ އިސްނެގުމުގެ މަތިން އެންއެންޑީއެފް ނޮދަން އޭރިއާ އާއި އުތީމު ކައުންސިލް ގުޅިވަޑައިގެން ހިންގެވި މޫދު ކަސްރަތު ޕްރޮގްރާމަކީ އެރަށުގެ ރައްޔިތުންނަށް ޙާއްޞަކޮށްގެން ކުރިއަށްގެންދެވި ޕްރޮގްރާމެކެވެ. 10 ދުވަހުގެ ނިއަލަށް ކުރިއަށްގެންދެވި މި ޕްރޮގްރާމް ފަށާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުގައެވެ. މި ޕްރޮގްރާމުގައި 132 މީހުން ބައިވެރިވެފައިވެއެވެ. އުތީމުގައި އެމްއެންޑީއެފުން ކުރިއަށްގެންދެވި "މޫދު ކަސްރަތުން އުފާވެރިކަން" މިޕްރޮގްރާމްގައި މެޑިކަލް ބެކްގްރައުންޑާއި ކެއުމުގެ އަދަބުތައް ގެންގުޅެންވީ ގޮތުގެ މަޢުލޫމާތުދެއްވާފައިވެއެވެ.

މި ޕްރޮގްރާމްގެ ސަބަބުން ބަރުދަން ލުއިވެ ހެލިފެލިވެއުޅެން ފަސޭހަވެ، ހަމަނިދި ލިބި ގައިގެ އެކިދިމަދިމާލަށް އަރާފައިވާ ތަދުތައް ފިލައިގެންދިއުން ހިމެނެއެވެ. މިއާއެކު ކެއުން ބަހައްޓަންވީ ގޮތް ވެސް އެނގިގެންދިޔަ ކަމަށް ޕްރޮގްރާމްގެ ބައިވެރި މީހުން ބުނެއެވެ.

މޫދު ކަސްރަތުން އުފާވެރިކަން މި ޕްރޮގްރާމް މީގެ ކުރިން ވެސް އެމްއެންޑީއެފްގެ ފަރާތުން 4 ރަށެއްގައި ހިންގަވާފައިވެއެވެ. އެއީ ފ. ނިލަންދޫ، މ. މުލައް، ތ. ތިމަރަފުށި އަދި ހއ. އުތީމުގައެވެ. މި ޕްރޮގްރާމްތަކުގައި 300 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.