ޚަބަރު

ލޯން އެހީ އެންމެ ކުޑަ އަގެއްގައި ހޯއްދަވަނީ މި ސަރުކާރުން


ރައްޔިތުންނަށް ޚިދުމަތް ދިނުމާއި، ތަރައްޤީގެ ނާރެހުގައި ރާއްޖެ ދުށް އެންމެ ކާމިޔާބު އަދި އެންމެ ހިންގުންތެރި ވެރިކައަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ޓީވީއެމްއަށް ދެއްވި ޚާއްޞަ އިންޓަރވިއެއްގައި ނިހާން ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައިވެސް 3 އަހަރު ދުވަހުގެ ތެރޭގައި، އެންމެ ގިނަ ޕްރޮޖެކްޓުތައް ޑިޒައިން ކުރައްވައި، އެއަށް ބޭނުންވާ ފައިސާ ހޯއްދަވައި، އެ ޕްރޮޖެކްޓުތައް ހިންގަވައި އަދި އޭގެތެރެއިން ގިނަ ޕްރޮޖެކްޓުތަކެއް ކާމިޔާބުކަމާއެކު ފުރިހަމަކުރެއްވި ހަމައެކަނި ސަރުކާރަކީ ރައީސް ޔާމީންގެ ސަރުކާރު ކަމަށެވެެ. އަދި ރާއްޖޭގެ ހުރިހާ ދިމާއަކަށް ބަލާލުމުންވެސް، ސަރުކާރުގެ ހިންގުންތެރިކަން އެނގިގެންދާނެ ކަމަށާއި، މިއީ ހަމައެކަނި ސިޔާސީ ބޭނުމެއްގައި ދައްކާ ވާހަކަތަކެއް ނޫންކަމަށް ނިހާން ވިދާޅުވިއެވެ. ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީގައިވެސް މުހިއްމު ދައުރެއް އަދާކުރައްވާ ބޭފުޅެއްގެ ޙައިސިއްޔަތުން ނިހާން ވިދާޅުވީ، ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ލޯން އެހީގެ ފައިސާ އެންމެ ކުޑަ އަގެއްގައި ހޯއްދަވަނީ މި ސަރުކާރުން ކަމަށާއި، ރައްޔިތުންގެ އަތުން ނެގޭ ޓެކްސް ފައިސާވެސް، އެ ރައްޔިތުންގެ ބޭނުންތަކަށް އެންމެ އެދެވޭގޮތެއްގައި ޚަރަދު ކުރައްވަމުންދަނީ މި ސަރުކާރުން ކަމަށެވެ.

"ރަށްރަށުގެ ލަފާފުރުމުގެ ދަތިކަން، ރަށްރަށުގެ މަގުތަކުގެ މަސައްކަތްތައް، ރައްޔިތުންގެ ޢުމްރާނީ ތަރައްޤީތަކުގައި ބޭނުންކުރަންޖެހޭ ޢިމާރާތްތައް، އެކިއެކި ޚިދުމަތްތައް ދެއްވުމަށް ބިނާކުރައްވަންޖެހޭ ޢިމާރާތްތަކާއި، ތަރައްޤީއާ ގުޅުންހުރި ކަންކަމަށް ޚަރަދުކުރުމަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން ޙަޤީޤަތުގައި ޤައުމުތަކުން ކުރުން އެންމެ ލާޒިމް އަދި އެންމެ މުހިއްމު ކަންތައްތައް. ބޭރުން ހޯދާ ގްރާންޓްތަކާއި ލޯންތަކުގެ އިތުރުންވެސް، މިދެންނެވި ރައްޔިތުންގެ ފައިސާއިން ރައްޔިތުންގެ ބޭނުންތަކަށް އެންމެ ގިނައިން ޚަރަދު ކުރެއްވީ މި ސަރުކާރުން. އެހެންވީމަ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި، ތަރައްޤީގެ ނާރެހުގައި ނަމްބަރ ވަން ލީޑަރަކީ ރައީސް ޔާމީނޭ އަޅުގަނޑު ދަންނަވާނީ" ނިހާން ވިދާޅުވިއެވެ. 

މީގެ އިތުރުން ނިހާން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އަމާޒުނުވާނެ ގޮތަކަށް އެއްވެސް ބަޔަކަށް ސަރުކާރެއް ނުހިންގޭނެ ކަމަށެވެ. ނަމަވެސް ފާޑުކިޔުމުގައިވެސް އެއް ބަޔަކު އަނެއްބައެއްގެ މެދުގައި ފިތުނަ ފަސާދަ ނުއުފެދޭނެހެން ބިނާކުރަނިވި ފާޑުކިޔުން މުހިއްމުކަމުގައި ނިހާން ވިދާޅުވެއެވެ.