ޚަބަރު

ހަތަރު އަހަރަށްފަހު ދިއްގަރުން ގޯތި ދޫކުރަނީ


މުލަކަތޮޅު ދިއްގަރުން ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ގޯތި ދޫކުރައްވަން ފަށްޓަވާނެ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ. އެންމެފަހުން އެރަށުން ގޯތި ދޫކުރައްވާފައިވަނީ 2013 ވަނަ އަހަރުއެވެ.

މުލަކަތޮޅު ދިއްގަރަކީ 1،200 އެއްހާ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ. މިރަށަކީ ބިމުގެ ގޮތުން އެހާ ތަނަވަސް ރަށެއް ނޫނެވެ. އެހެންކަމުން މިރަށަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބިމުގެ ދަތިކަމެވެ. އަދި މިރަށުން ގޯތި ދޫނުކުރައްވާތާ މިހާރު ހަތަރު އަހަރުވެއްޖެއެވެ. ދިއްގަރުން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ 2013 ވަނަ އަހަރުއެވެ. އެހެންކަމުން މިރަށުގައި ރައްޔިތުންނަށް ބޯހިޔާވަހިކަމަށް ދިމާވެފައިވާ ދަތިކަމަށް ޙަލެއް ގެނެސްދެއްވުމުގެ ގޮތުން އެރަށު ކައުންސިލުން މިހާރު ވަނީ ގޯތި ދޫކުރައްވަން ނިންމަވާފައެވެ. img:http://s1.psmnews.mv/images/660x400/14855446865498.jpg|މުލަކަތޮޅު ދިއްގަރު - ފޮޓޯ: ޕީއެސްއެމް

ޓީވީއެމްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި، ދިއްގަރު ކައުންސިލްގެ ރައީސް އިމްރާން އިސްމާޢީލް ވިދާޅުވީ ގިނަ ޢަދަދެއްގެ މީހުން ގޯއްޗަށް އެދި ކައުންސިލަށް ހުށަހަޅަމުންދާކަމަށެވެ. އަދި ބިން ދޫކުރުމުގެ ހުއްދަ ހައުސިންގ މިނިސްޓްރީން މިހާރު ދެއްވާފައިވާ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

"ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ގޯތި ދޫކުރުމުގެ މަސައްކަތް ފަށްޓަވާނަން. މިހާރު ކުރަމުން މިދަނީ މިކަމަށް ބޭނުންވާ އުސޫލު ތައްޔާރު ކުރުމުގެ މަސައްކަތް. މިފަހަރު ދޫކުރާނީ 40 ވަރަކަށް ގޯތި އެއީ 1000 އަކަފޫޓްގެ. މީގެކުރިންވެސް ދޫކުރީ ހަމަ 1000 އަކަފޫޓްގެ ގޯތި." އިމްރާން ވިދާޅުވިއެވެ.

ދިއްގަރުން މިފަހަރު ގޯތި ދޫކުރުމަށް ނިންމާފައިވަނީ އެރަށުގައި ހިއްކާފައި އޮތް ބިމުންނެވެ. ދިއްގަރު ކައުންސިލުން ވިދާޅުވީ ރަށުގެ ބިމުގެ ދަތިކަމަށް ޙަލެއް ގެނައުމަށް އިތުރު ބިން ހިއްކަން ޖެހޭ ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން ހައުސިންގ މިނިސްޓްރީއާ މަޝްވަރާ ކުރައްވަމުން ގެންދަވާކަމަށެވެ.