ކުޅިވަރު

ފުރަތަމަ މެޗުގައި ދިވެހިރާއްޖެ ނޭޕާލް އަތުން ބަލިވެއްޖެ


ސެންޓްރަލް ޒޯން ކޮލިފިކޭޝަންގައި ވާދަކުރި ފުރަތަމަ މެޗުން ދިވެހި ޤައުމީ އަންހެން ވޮލީ ޓީމް ބަލިވެއްޖެއެވެ. 

2018ގެ އަންހެން ވޮލީބޯޅަ ވޯލްޑް ޗެމްޕިއަންޝިޕްގެ ސެންޓްރަލް ޒޯން ކޮލިފައިންގ ފުރަތަމަ މެޗުން ދިވެހި ޓީމް ބަލިވީ މިއަދު ހަވީރު ނޭޕާލާއި ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ނޭޕާލް ގެންދިޔައީ 25-17، 25-17 އަދި 25-13 ނެވެ.

މި މެޗުގެ ކޮންމެ ސެޓެއްގެވެސް ކުރީކޮޅު ދިވެހި ޓީމުން ރަނގަޅު ކުޅުމެއް ދެއްކިއިރު، ނޭޕާލްގެ ހުނަރުވެރި ކުޅުންތެރިޔާ ޕްރަތިބާ މަލީގެ ނުރައްކާތެރި ހަމަލާތަކާއިއެކު ނޭޕާލުން ތަފާތު ބޮޑުކޮށް ސެޓުތައް ކާމިޔާބުކުރިއެވެ. 

މިއަދުގެ މެޗުގެ ކުރިން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމެވެ. މިނިސްޓަރ ވަނީ ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ދިވެހިރާއްޖެ އަދި ނޭޕާލް ވާދަކުރި މެޗްވެސް ބައްލަވާލައްވާފައެވެ. އަދި މެޗަށްފަހު އެކަމަނާ ވަނީ ދިވެހި ޓީމްގެ ކުޅުންތެރިންނާއި ބައްދަލު ކުރައްވާފައެވެ. 

ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ކޮލިފައިންގައި ދިވެހިރާއްޖެއާއި ނޭޕާލްގެ އިތުރުން ދެން ވާދަކުރަނީ އީރާނެވެ. މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ވާދަކުރާނީ އިރާނާއި ނޭޕާލެވެ.