ކުޅިވަރު

ސޮސިއެދާދް ބަލިކޮށް, ބާސެލޯނާ ސެމީ ފައިނަލަށް


ފަސޭހަކަމާއިއެކު ރިއާލް ސޮސިއެދާދް ބަލިކޮށް، ކޮޕަ ޑެލް ރޭ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ބާސެލޯނާ ޖާގަ ހޯދައިފއެވެ. 

އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ ފައިނަލުން ޖާގަ ހޯދީ ރޭގެ މެޗް 5-2 ން ކާމިޔާބުކޮށް ދެ ލެގުގެ އެގްރިގޭޓަށް ބަލާއިރު، 6-2 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. 

ރޭގެ މެޗުގައި ބާސެލޯނާގެ 5 ލަނޑުގެ ތެރެއިން 2 ލަނޑު ޖަހައިދިނީ އުމުރުން 23 އަހަރުގެ ޑެނިސް ސުއަރޭޒްއެވެ. އަނެއް 3 ލަނޑު ޖަހައިދިނީ ލުއިސް ސުއަރޭޒް، ލަޔަނަލް މެސީ އަދި އާރްދާ ތުރާންއެވެ. މެޗުގައި ރިއާލް ސޮސިއެދާދްގެ 2 ލަނޑު ޖަހައިދިނީ ޚުއާންމީ އަދި ވިލިއަން ޚޯސޭއެވެ. 

މީ ކޮޕަ ޑެލްރޭ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ބާސެލޯނާ ޖެހިޖެހިން ޖާގަ ހޯދި އަށްވަނަ ފަހަރެވެ. ބާސެލޯނާ ވަނީ މި މުބާރާތް މީގެ ކުރިން ރެކޯޑް އަދަދެއްކަމަށްވާ 28 ފަހަރު ކާމިޔާބުކޮށްފައެވެ. އެންމެ ފަހުން ކުޅުނު ފަސް މެޗުވެސް ކާމިޔާބުކޮށް ބާސެލޯނާ މިވަގުތު އޮތީ ރަނގަޅު ފޯމެއްގައެވެ.

ބާސެލޯނާގެ އިތުރުން ސެމީން ޖާގަ ހޯދި އަނެއް ޓީމްތަކަކީ މުބާރާތް 10 ފަހަރު ކާމިޔާބުކޮށްފައިވާ އެތްލެޓިކޯ މެޑްރިޑް، ސެލްތަވީގޯ އަދި އަލަވޭސްއެވެ.

ސްޕެއިންގެ ގަދަ ބާރު ރިއާލް މެޑްރިޑް ކުއާޓާރ ފައިނަލުން ބަލިވީ ސެލްތަވީގޯ އަތުން ބަލިވެގެންނެވެ.