ކުޅިވަރު

އޮސްޓްރޭލިއަން އޯޕަންގެ ފައިނަލުން ފެޑްރާ ޖާގަ ހޯދައިފި


އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފިރިހެނުންގެ ، ސިންގަލްސް ފައިނަލުން ސްވިޒަލެންޑްގެ ރޮޖަރ ފެޑްރާ ޖާގަ ހޯދައިފިއެވެ. 

އުމުރުން 35 އަހަރުގެ ފެޑެރާ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ސްވިޒަލެންޑްގެ ސްޓޭން ވަވްރިންކާ ތިން ސެޓު ދެ ސެޓުން ބަލިކޮށްގެންނެވެ. މެޗުގެ ސެޓުތައް ނިމިގެންދިޔައީ ހަތެއް ފަހެއް، ހަޔެއް ތިނެއް، އެކެއް ހަޔެއް، ހަތަރެއް ހަޔެއް އަދި ހަޔެއް ތިނަކުންނެވެ. 

މި މޮޅާއިއެކު ފެޑްރާ ވެގެންގޮސްފައިވަނީ މިދިޔަ ސާޅީހަކަށް އަހަރުގެ ތެރޭގައި ގްރޭންޑް ސްލޭމް ޓެނިސް މުބާރާތެއްގެ ފައިނަލުން ޖާގަ ހޯދި އެންމެ މުސްކުޅި ކުޅުންތެރިޔާއަށެވެ. ފެޑްރާވަނީ މީގެ ކުރިން ސަތާރަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައެވެ. 

މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލްގައި ފެޑްރާ ނުކުންނާނީ ސްޕެއިންގެ ރަފައެލް ނަދާލް ނުވަތަ ބަލްގޭރިޔާގެ ގްރިގޯ ޑިމިޓްރޯވްއާއީ ދެކޮޅަށެވެ.

އޮސްޓްރޭލިއަން އޯޕަން އަންހެން ސިންގަލްސްއަށް ބަލާލާއިރު، މުބާރާތުގެ ފައިނަލުން ދެ ބެއިންކަމަށްވާ ސެރީނާ ވިލިއަމްސް އަދި ވީނަސް ވިލިއަމްސްވަނީ ޖާގަ ހޯދާފައެވެ. މީ 2009ވަނަ އަހަރުގެ ވިމްބްލްޑަން ޓެނިސް މުބާރާތުގެ ފަހުން ގްރޭންޑް ސްލޭމް މުބާރާތެއްގެ ފައިނަލެއްގައި ދެ ބެއިން ވާދަކުރާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.