ޓުއަރިޒަމް

ސްވިޒަރލޭންޑްގެ އެންމެ ބޮޑު ފެއަރގައި ރާއްޖެ ބައިވެރިވެއްޖެ


ސްވިޒަރލޭންޑްގައި ބާއްވާ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއަރގައި ރާއްޖެ ބައިވެރިވެއްޖެއެވެ.

މިއަދުން ފެށިގެން މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ސްވިޒަރލޭންޑްގެ ޒިއުރިކްގައި ކުރިއަށްދާ ފެސްޕޯ ފެއަރގައި، މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީ، އާއި އެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 6 ކުންފުންޔަކުން މި ފެއަރގައި ބައިވެރިވެފައިވެއެވެ. ރާއްޖެއިން މިފެއަރގައި ބައިވެރިވެފައިވާ ވަފްދުގެ އެންމެ އިސް ބޭފުޅަކަށް ހުންނެވީ އެމްއެމްޕީއާރުސީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ހާރިސްއެވެ. މިދިޔަ އަހަރުގެ ފެސްބޯ ފެއަރއަށް 62،000 އަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވާ ކަމަށް އެފެއަރ އިންތިޒާމް ކުރާ ފަރާތުން ހާމަކުރެއެވެ.

މިއަހަރުގެ ފެސްޕޯ ފެއަރއަށްވެސް ގިނަ ޢަދަދެއްގެ މީހުން ޒިޔާރަތްކުރާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ. މި ފެއަރގައި ރާއްޖެއިން ބައިވެރިވުމުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުވެގެންދާނެ ކަމަށް އެމްއެމްޕީއާރުސީން ދެކެއެވެ. ސްވިޒަރލޭންޑް ހިމެނެނީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ 10 ޤައުމުގެ ތެރޭގައެވެ. އެގޮތުން 2016 ވަނަ އަހަރު ސްވިޒަރލޭންޑުން 3،000 ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.