ތަރައްްޤީ

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޕްރޮގްރާމްތަކެއް ހިންގަނީ


ދައުލަތުގެ ބެއްލެވުމުގެ ދަށުގައި ތިބޭ ކުދިންނަށާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އާޓްސްގެ ދާއިރާއިން ޕްރޮގްރާމްތަކެއް ހިންގެވުމަށް ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ)އާ ޙަވާލުކުރައްވައިފިއެވެ. 

ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސް އާއެކު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން މިއަދު ވަނީ މިކަމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. 

މި އެއްބަސްވުމުގެ ދަށުން ދަޢުލަތުގެ ބެއްލެވުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް އެންސީއޭއިން މިއުޒިކް ކްލާސްތަކާއި، މި ދާއިރާއާ ގުޅުން ހުރި ގިނަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިޔުމަށްވަނީ އެއްބަސްވެފައެވެ. މިގޮތުން ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި ދިރިއުޅޭ 6 އަހަރާއި 10 އަހަރާ ދެމެދުގެ ކުދިންނަށާއި، ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ 10 އަހަރުން މަތީގެ ކުދިންނަށް އަމާޒުކޮށްގެން މިދާއިރާއިން ޙާއްސަ ޕްރޮގްރާމްތަކެއް ކުރިއަށްގެންދަވާނެކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ. 

މިފަދަ ޕްރޮގްރާމްތައް މެދުވެރިކޮށް ދަޢުލަތުގެ ބެއްލެވުމުގެ ދަށުގައި މަރުކަޒުތަކުގައި ތިބޭ ކުދިންނަށާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ އެހީތެރިކަން ދެއްވާނެކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.