ޚަބަރު

އިންޑިޔާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެއްޖެ


އިންޑިޔާގެ 68 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އިންޑިޔާގެ ރައީސް ޕްރަނާބް މުކަރުޖީއަށާއި، ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަހުނިޔާ ވިދާޅުވެ، މެސެޖް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، އެދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންނާއި، އަދި ‏‏‏ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، އިންޑިޔާގެ ސަރުކާރަށާއި ރައްޔިތުންނަށް ޖުމްހޫރީ ދުވަހުގެ ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ. އަދި ރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް ގުޅުން، ކުރިއަށް އޮތް އަހަރުތަކުގައި ‏‏އިތުރަށް ބަދަހިވެގެންދާނެ‏‎ ‎‏ކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ‏‏ވިދާޅުވެފައިވެއެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އިންޑިޔާގެ ރައްޔިތުންނަށް ފާގަތި، އުފާވެރި މުސްތަޤްބަލަކަށް އެދިވަޑައިގެންފައިވެއެވެ.