ޚަބަރު

ޤައިދީންނަށް އާއިލާތަކުން ތަކެތި ގެންދިއުން މަނާކޮށްފި


ޖަލުތަކުގައި ތިބޭ ޤައިދީންގެ އާއިލާތަކުން ޤައިދީންނާ ބައްދަލުކުރުމަށްދާއިރު، އެއްޗެހި ގެންދިއުން މޯލްޑިވްސް ކަރެކްޝަންސް ސާރވިސްއިން މަނާކުރައްވައިފިއެވެ.

ޤައިދީންނާއި ބައްދަލުކުރުމަށް އާއިލާތަކުން މީގެ ކުރިން ދާއިރު ބައެއް ލުއި ކާނާފަދަ ތަކެތި ގެންދެވެއެވެ.

ކަރެކްޝަންސް ސާރވިސްގެ އިންފޮމޭޝަން އޮފިޝަލް އަޙްމަދު ލުޤްމާން ވިދާޅުވީ، ޤައިދީންނަށް އާއިލާތަކުން އެއްޗެހި ގެންދިއުން މިދިޔަ ހަފްތާއއިން ފެށިގެން މަނާކުރައްވާފައިވާކަމަށެވެ. އަދި އެގޮތަށް ނިންމެވީ ފަހަކަށް އައިސް ޤައިދީންނާ ބައްދަލުކުރުމަށް އާއިލާތަކުން ގެންދިޔަ ބައެއް ތަކެތީގެ ތެރެއިން ޖަލަށް ވެއްދުން މަނާ ތަކެތި ފެނިފައިވާތީ ކަމަށެވެ.

"އަސްލު މިގޮތަށް ޢަމަލު ކުރުމަށް އަޅުގަނޑުމެން {ކަރެކްޝަންސްއިން} މި ނިންމީ ފަހަކަށް އައިސް އާއިލާތަކުން ޤައިދީންނާ ބައްދަލު ކުރުމަށް ތަކެތި ގެންދާއިރު ޖަލަށް ވެއްދުން މަނާ ތަކެތި އެބަހުރި ފެނިފައި. ބޭނުމަކީ މިފަދަ ކަންކަން ކޮންޓްރޯލް ކުރުން،" ލުޤްމާންގެ ވިދާޅުވިއެވެ.

ޤައިދީންނަށް އާއިލާތަކުން ގެންދިޔަ ބައެއް ތަކެތީގެ ތެރެއިން ޖަލަށް ވެއްދުން މަނާތަކެތި ފެނުން ފަހަކަށް އައިސް އިތުރުވެފައިވާކަން ކަރެކްޝަނަލް ސަރވިސް އިން ފާހަގަކުރައްވައެވެ. މިގޮތުން މިދިޔަ ޑިސެމްބަރ މަހު ޖަލުގައި ހުރި މީހަކާއި އެނާގެ އާއިލާއިން ބައްދަލުކުރަން ދިޔައިރު ގެންދިޔަ ކާއެއްޗެތީގެ ތެރެއިން ފޯނެއް ފެނިފައިވެއެވެ. އަދި ޖަލުގައި ހުރި މީހަކަށް ގެންދިޔަ ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކުވެސް މިމަހުގެ ކުރީކޮޅު އަތުލައިގެންފައިވެއެވެ.