މުނިފޫހިފިލުވުން

ލައިޝާގެ މަންޒިލް އޭނާއަށް ހޯދޭނެބާ؟


ލައިޝާ ޖުނައިދަކީ މިއުޒިކަށް ލޯބިކުރާ ފަރާތްތަކަށާއި، ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީއަށް މިހާރު އާ ނަމަކަށް ނުވާނެއެވެ.

ފްރެންޗައިޒް އުޞޫލުން ރާއްޖޭގައި ބޭއްވި އެންމެ އަގުބޮޑު ރިއަލިޓީ ޝޯވ "މޯލްޑިވިއަން އައިޑަލް"ގެ ސީޒަން އެކެއްގެ އޮޑިޝަންތައް ޓީވީއެމްއިން ދައްކަން ފެށި ހިސާބުން، "ލައިޝާ" މި ނަން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އާންމު ނަމަކަށް ވެގެންދިޔައެވެ. ލައިޝާގެ ލަވަކިޔުމުގެ ހުނަރުވެރިކަމާއި، ޝޯވއަކަށްފަހު، ޝޯވއެއްގައި އޭނާގެ ފަރާތުން ފެންނަމުންދިޔަ ހިތްގައިމު އަދި ފޯރިގަދަ ހުށައެޅުންތަކަށް ޢާއްމުންގެ ފަރާތުން ތަޢުރީފުގެ ބަސްތައް އޮހެމުން ދިޔައެވެ. އައިޑަލްގެ ޝޯވތަކުގައި ލައިޝާއަށް ކޮންމެ ކަހަލަ ލަވައެއްވެސް ވަރަށް ފަސޭހަކަމާއެކު ކިޔޭނެކަން އޭނާ ވަނީ ބެލުންތެރިންނަށް ސާބިތުކޮށްދީފައެވެ. ނަތީޖާއެއްގެ ގޮތުން، އައިޑަލްގެ ފުރަތަމަ ސީޒަންގެ ފައިނަލްގައި ފިރިހެން 2 ބައިވެރިންނާ ވާދަކުރުމަށްފަހު، ފުރަތަމަ މޯލްޑިވިއަން އައިޑަލްގެ ތަށި ލައިޝާ އުފުލާލިއެވެ.

img:http://s3.psmnews.mv/images/660x400/14622178928902.jpg|ރާއްޖޭގެ ފުރަތަމަ މޯލްޑިވިއަން އައިޑަލް، ލައިޝާ ޖުނައިދު / ފޮޓޯ: ޕީއެސްއެމް

މިއީ އައިޑަލް ފްރެންޗައިޒްގެ ދެކުނު އޭޝިއާގެ ތާރީޚުގައިވެސް އަންހެން ބައިވެރިއަކު، އައިޑަލްގެ ފުރަތަމަ ސީޒަން ކާމިޔާބުކުރި ފުރަތަމަ ފަހަރުކަން ފްރެމެންޓަލް މީޑިއާއިންވެސް ފާހަގަކޮށްފައިވެއެވެ.

އައިޑަލްގެ ކާމިޔާބީއާއެކު މިއުޒިކީ ދުނިޔޭގައި ލައިޝާގެ ނަން ފިޔަޖަހަން ފަށާފައިވާއިރު، ޤައުމީ ހަފްލާތަކާއި، ބައެއް ބޮޑެތި މިއުޒިކް ޝޯވތަކުގައި ލައިޝާ ވަނީ ހިތްގައިމު އެތައް ހުށައެޅުންތަކެއް ހުށައަޅާފައެވެ. އަދި އޭ.ބި.ޔޫ ޓީވީ ސޯންގް ފެސްޓިވަލްގައި ޕީ.އެސް.އެމްގެ ފަރާތުން ބައިވެރިވެ، މިދިޔަ އަހަރު ލައިޝާ ވަނީ ދިވެހިރާއްޖެ ތަމްސީލުކޮށްދީފައެވެ.

ސީޒަން އެކެއްގެ ކާމިޔާބު ޝޯވތަކަށްފަހު، އައިޑަލް ސީޒަން ދޭއް ޢާއްމުންނާއި ހަމައަށް ގެނެސްދިނުމަށް ޕީ.އެސް.އެމްގެ އައިޑަލް ޓީމުން މިހާރު އަތުކުރިއޮޅާލާފައިވާއިރު، ކެތްމަދުވެފައިތިބި ލައިޝާގެ ފޭނުންނަށް އަނެއްކާވެސް މިއޮތީ އުފާވެރި ޚަބަރެކެވެ. ދައްކަން މިއުޅެނީ ލައިޝާގެ ފުރަތަމަ ވީޑިއޯ ލަވައިގެ ވާހަކައެވެ. މިއީ އަމިއްލަ ރާގުގެ ލަވައެކެވެ.

tw:https://twitter.com/Maldivian_Idol/status/824282041218764800

މޯލްޑިވިއަން އައިޑަލްގެ އޮފިޝަލް ޓުވީޓަރ އަދި ފޭސްބުކް ޕޭޖަށް މި ލަވައިގެ ޓީޒަރ މިހާރު އަޕްލޯޑުކޮށްފައިވާއިރު، ލަވައިގެ ހިތްގައިމުކަމާއި ފުރިހަމަކަން، އާއްމުކޮށްފައިވާ ޓީޒަރއަށް ބަލާލުމުންވެސް އިޙްސާސްކުރެވެއެވެ. ޓީޒަރ އާއްމުކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، މުޅި ސޯޝަލް މީޑިއާގައި މި ވާހަކަ މިހާރު މިވަނީ ގުގުމާލާފައެވެ.

ލައިޝާގެ ފުރަތަމަ ވީޑިއޯ ލަވަކަމުގައިވާ "ހޯދޭތޯ މަންޒިލެއް" މާދަމާ ރަސްމީކޮށް ލޯންޗްކުރާނެއެވެ. ކޮންމެއަކަސް މި ލަވައަށް އިންސާފުކުރުމަށް ބެލުންތެރިންނަށް ދޫކޮށްލާނެމެވެ.