ޚަބަރު

ވާދޫގައި ކުނިކޮށްޓެއް ޤާއިމްކުރުމަށް ބަޔަކާ ޙަވާލުކުރައްވައިފި


ގދ. ވާދޫގައި ކުނިކޮށްޓެއް ޤާއިމްކުރެއްވުމަށް ކޮންޓްރެކްޓް އުޞޫލުން ބަޔަކާއި މިއަދު ޙަވާލުކުރައްވައިފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން މިކުނިކޮށި އެޅުމުގެ މަސައްކަތް ޙަވާލުކުރައްވާފައިވަނީ އަމިއްލަ ކުންފުންޏެއް ކަމާށްވާ ރައިޒާ ޕްރައިވެޓް ލިމިޓެޑާއެވެ.

މި މަޝްރޫޢުއަށް ގާތްގަނޑަކަށް މިލިޔަނަކަށް ވުރެ ގިނަ ރުފިޔާ ޙަރަދުވާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. ކުނިކޮށި އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ ރައްކާތެރިގޮތުގައި ކުނި މެނޭޖް ކުރެއްވުމަށް ބަޖެޓްގައި ހިމަނުއްވާފައިވާ ހުރިހާ ރަށްރަށުގައި ކުނިކޮށި އެޅުއްވުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައްކާތެރި ގޮތުގައި ކުނި މެނޭޖް ކުރުމަށް ސަރުކާރުން ހިންގާ ބިޔަ ބޮޑު ޕްރެޖެކްޓުގެ މަސައްކަތް މި ފެށުނީ.." މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވިއެވެ.

ގދ. ވާދޫގައި ސަރުކާރުން ޤާއިމް ކުރެއްވުމަށް ހަމަޖެހިފައިވަނީ 600 އަކަފޫޓްގެ ކުނިކޮށްޓެކެވެ. މި ކުނިކޮށީގެ މަސައްކަތް 3 މަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ. ގއ. އަދި ގދ.ގެ 7 ރަށެއްގައި ކުނިކޮށި ޤާއިމު ކުރެއްވުމުގެ މަސައްކަތް ސަރުކާރުން މިހާރުވެސް ދަނީ ކުރައްވަމުންނެވެ.