ޚަބަރު

ނުނިމި ހުރި މައްސަލަތަކުގެ ބޮޑު ބައެއް ވަނީ ނިންމަވާފައި - ޑީޖޭއޭ


ދިވެހިރާއްޖޭގައި ޤާއިމުވެފައި ހުރި 198 ކޯޓަށް ހުށައެޅިފައިވާ މައްސަލަތަކުގެ ތެރެއިން ނުނިމި ގިނަދުވަސްވެފައިވާ މައްސަލަތައް ނިންމެވުމަށް ވޭތުވެދިޔަ އަހަރު ޚާއްޞަ އިސްކަމެއް ދެއްވާފައިވާކަމަށް ޝަރުޢީ ދާއިރާއިން ވިދާޅުވެއެވެ. 

2016 ވަނަ އަހަރު ފެށުނުއިރު ޝަރުޢީ ކޯޓުތަކުގައި 1 އަހަރަށްވުރެ ގިނަދުވަސް ވެފައިވާ މައްސަލަތަކުގެ ނިސްބަތް 27 އިންސައްތައިގައި ހުއްޓައި، 2016 ވަނައަހަރު ނިމުނުއިރު މިނިސްބަތް 12 އިންސައްތައަށް ތިރިކުރެވިފައިވާކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވެއެވެ. މިކަން ޙާޞިލްކުރެއްވުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިސްނަންގަވައި ޚާއްޞަ ޕްރޮގްރާމްތަކެއް ވޭތުވެދިޔަ އަހަރު ހިންގަވާފައިވާކަމަށް ޝަރުޢީ ދާރިއާއިން ވިދާޅުވެއެވެ.

2015 ވަނަ އަހަރުގެ ތެރޭގައި ޝަރުޢީ ކޯޓުތަކުގައި 1 އަހަރަށްވުރެ ގިނަދުވަސްވެފައިވާ މައްސަލަތަކުގެ ޢަދަދު ހުރީ 1948 ގައެވެ. އެހެންނަމަވެސް 2016 ވަނައަހަރު ނިމުނުއިރު މިއަދަދު ވަނީ 798 އަށް ދަށްކުރެވިފައިކަމަށް ޝަރުޢީ ދާއިރާއިން ހާމަކުރައްވައެވެ. ވޭތުވެދިޔަ އަހަރު ޝަރުޢީ ކޯޓުތަކުގައި ކޭސް ކްލިއަރެންސް ރޭޓް އުޅެނީ 103 އިންސައްތައިގައެވެ. އެހެންކަމުން ޝަރުޢީ ކޯޓުތަކުގައި މައްސަލަތައް ދިގުދެމިގެންދާދިއުން މިހާރު ވަނީ އެތައް ގުނައެއް ކުޑަކުރެވިފައެވެ.