ޓުއަރިޒަމް

ޗައިނާގެ މުއްސަދިންގެ މެދުގައި އެންމެމަޤްބޫލީ ރާއްޖެ


ޗައިނާގެ މުއްސަނދިންގެ މެދުގައި ޗުއްޓީ ހޭދަކުރުމަށް އެންމެ މަޤްބޫލު މަންޒިލަކީ ރާއްޖެކަމަށް ސަރވޭއަކުން ދައްކައިފިއެވެ.

ޗައިނާގެ "ހުރުން ރިސަރޗް އިންސްޓިޓިއުޓް"ގެ ފަރާތުން ކުރިއަށް ގެންދިޔަ މިއަހަރުގެ " ޗައިނީސް ލަގްޒަރީ ކޮންސިއުމަރ ސަރވޭ " އިން ދައްކާގޮތުން ޗައިނާގެ މުއްސަނދިން ޗުއްޓީހޭދަކުރަން ދަތުރުކުރަން އެންމެ ކަމުދާ މަންޒިލްތަކުގެ ލިސްޓުގެ އެންމެ ކުރީގައި މިހާތަނަށް އޮތް ފަރަންސޭސިވިލާތް، ފަހަތަށް ޖައްސާލުމަށްފަހު އެ ލިސްޓުގެ އެއްވަނައިގައި މިހާރު އޮތީ ދިވެހި ރާއްޖެއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުން ފެށިގެން ޑިސެމްބަރުމަހުގެ ނިޔަލަށް ޗައިނާގެ މިލިޔަނަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި ސަރވޭގައި ހަތަރު ސަތޭކަ ސާޅީސްނުވަ މީހުންނާއި ސުވާލުކޮށްފައިވެއެވެ.

އަހަރެއްގެ ތެރޭގައި ދެތިން ފަހަހަރު ޗައިނާގެ މުއްސަނދިން ޗުއްޓީ ހޭދަކުރުމަށް އެކިތަންތަނަށް ދަތުރުކުރާކަމަށާއި، ޗުއްޓީގައި އާއްމުކޮށް ފަނަރަދުވަސް ހޭދަކުރާކަމަށް މި ސަރވޭގެ ބައިވެރިން ބުނެފައިވެއެވެ.

ޗުއްޓީ ހޭދަކުރުމަށް ދަތުރުކުރުމަށް އެންމެ ކަމުދާ ތަންތަނުގެ އިތުރުން، މި ސަރވޭގައި ހިމެނޭ ބައިތަކުގެ ތެރޭގައި ހަދިޔާއެއް ގަތުމުގައި ބަލާ ކަންތައްތައްވެސް ހިމަނާފައިވެއެވެ. އަދި އިންވެސްޓުކުރުމުގައި އިސްކަންދޭ ކަންތައްތައްވެސް މި ސަރވޭގައި ބަލާފައިވެއެވެ.

މީ ހުރުން އިންސްޓިޓިއުޓުގެ ފަރާތުން މި ސަރވޭ ކުރިއަށްގެންދިޔަ 13 ވަނަ އަހަރެވެ.