ޚަބަރު

ދޫނިތަކެއް ހިފި ބަޔަކު ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި


ޙިމާޔަތްކޮށްފައިވާ ދޫނިތަކެއް ހިފާ ގެންގުޅުނު 6 މީހަކު 150,000 ރުފިޔާ އަށްވުރެ މަތީ އަދަދަކުން ޖޫރިމަނާކޮށްފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ، ޙިމާޔަތްކޮށްފައިވާ 8 ދޫންޏެއް ހިފައި އެތަކެތި ބަންދުކޮށްގެން ގެންގުޅުނު، މުލަކު 4 މީހަކު ނުވަދިހަ ހަ ހާސް ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި މ.މުލީގައި ފަސްދޫނި ހިފައިގެން ގެންގުޅުނު 2 މީހަކު ފަސްދޮޅަސް ހާސް ފަސްސަތޭކަ ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަމަށްވެސް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

މި ހަމީހުން ހައްޔަރުކުރީ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީއާއި ފުލުހުން ގުޅިގެން ހިންގެވި އޮޕަރޭޝަނެއްގައެވެ.

މިދުވަސްވަރަކީ ދުނިޔޭގެ އެކިކަންކޮޅުތަކުން ޙިމާޔަތްކޮށްފައިވާ ދޫނި ރާއްޖެއަށް ހިޖުރަކުރަމުން އަންނަ ދުވަސްވަރެއްކަމަށާއި، އެފަދަ ދޫނިތައް ހިފާ ބަންދުކޮށްގެން ނުގެންގުޅުމަށް އީޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. ކޮންމެ އަހަރެއްގެވެސް އިރުވައި މޫސުމާ ދިމާކޮށް ރާއްޖެއަށް ތަފާތު ވައްތަރުގެ ދޫނި ހިޖުރަކުރަމުންދެއެވެ.

ރާއްޖެއަށް ހިޖުރަ ކުރާ ދޫނީގެ އެއްވެސް ބާވަތެއް ހިފުމަކީ މަނާކަމެކެވެ. އަދި އެކުށުގެ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ފައްސަތޭކަ އެއް ރުފިޔާ އިން ފެށިގެން ފަންސާސް ހާސް ރުފިޔާއާއި ދެމެދު އަދަދަކުން ޖޫރިމަނާކުރުމެވެ.