ޚަބަރު

މަގޫދޫ ބަނދަރު ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވައިފި


ފ. މަގުދޫ ބަނދަރު ނިންމަވައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެ ބަނދަރު ރަސްމީގޮތުން ހުޅުއްވައިދެއްވައިފިއެވެ.

މަގޫދޫ ބަނދަރު ރަސްމީގޮތުން ހުޅުއްވާދެއްވީ އެކަމަށްޓަކައި މިއަދު ހެނދުނު އެރަށުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

އާބާދީގައި ގާތްގަނޑަކަށް 560 މީހުން ދިރިއުޅެމުން އަންނަ ފ. މަގޫދުއަކީ، މީގެކުރިން މުޅި އެ އަތޮޅުގައިވެސް ބަނދަރެއް ނެތް ހަމައެކަނި ރަށެވެ. ނަމަވެސް، މަގޫދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން އެރަށުގައި އަލަށް ހުޅުއްވި މި ބަނދަރާއެކު ޙައްލުވެ، ޢުމްރާނީގޮތުންނާއި، އިޤްތިޞާދީގޮތުން އެރަށަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ފ. މަގޫދޫގައި ސަރުކާރުން ހައްދަވާފައިވަނީ 500 ފޫޓް ދިގު، 250 ފޫޓް ފުޅާ ބަނދަރެކެވެ. ދައުލަތުގެ ބަޖެޓުން 40.1 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން މި ބަނދަރު ހެއްދެވީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީސީއާ ޙަވާލުކުރައްވައިގެންނެވެ.

ފ. މަގޫދޫ ބަނދަރު ހުޅުއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ތަރައްޤީގެ މަޝްރޫޢުތައް ހިންގެވުމުގައި ސަރުކާރުން އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅުއްވާކަން މަގޫދޫގައި މި ހުޅުއްވި ބަނދަރާއެކުވެސް ސާބިތުކޮށްދެއްވާފައިވާކަމަށެވެ. އަދި ފާއިތުވެދިޔަ 3 އަހަރުގެ ތެރޭގައި 30 ރަށެއްގެ ލަފާފުރުމުގެ ދަތިކަން ހައްލުކޮށްދެއްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިހާރުވެސް 45 ރަށެއްގެ ބަނދަރު ހެއްދެވުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުންދާކަމަށް މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ.

"ފާއިތުވި 3 އަހަރުގެ ތެރޭގައި ލަފާފުރުމުގެ ދަތިކަން ކުރިމަތިވެފައިވާ 30 ރަށެއްގައި އެ ދަތިކަން ސަރުކާރުން ވަނީ ޙައްލުކޮށްދެއްވާފައި. އަދި މިހާރުވެސް 45 ރަށެއްގެ ބަނދަރު ހެއްދެވުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުން. މިދައްކަނީ އެތައް ސަތޭކަ މިލިއަން ރުފިޔާގެ މަޝްރޫޢުތަކުގެ ވާހަކަ. އަޅުގަނޑުމެން ރައްޔިތުން އެބަޖެހޭ މިކަންކަން ހެޔޮހިތުން ޤަބޫލުކުރަން، މިކަންކަން ބަލައިގަންނަން" މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ.

ފ. މަގޫދޫގައި ރަނގަޅު ފެންވަރެއްގެ ބަނދަރެއް ހައްދަވައިދެއްވުމަކީ އެރަށުގެ ރައްޔިތުން އެތައް ދުވަހެއް ވަންދެން ދެކެމުން އައި ހުވަފެނެއް ޙަޤީޤަތަކަށްވުންކަމުގައި ފާހަގަކުރައްވައި، ސަރުކާރުން ރައްޔިތުންގެ މި ހުވަފެން ޙަޤީޤަތަކަށް ހައްދަވާދެއްވީތީ، ފ. މަގޫދޫ ނިސްބަތްވާ، ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަޙްމަދު މުބީން ވަނީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

"ދައުލަތަކުން އިސްނަގައިގެން މިފަދަ ކަމެއް ކޮށްދެއްވުމަކީ، ޙަޤީޤަތުގައިވެސް މިފަދަ ކުދި އާބާދީ އޮންނަ ރަށްރަށުގެ ރައްޔިތުން ހެޔޮހިތުން، އުފަލާއެކު ބަލައިގަންނާނެ ކަންކަން. އަޅުގަނޑުމެން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ބަލަންވީ އެއްކަމަކީ ރާއްޖޭގައި ފާއިތުވި ޒަމާންތަކުގައި ތަރައްޤީގެ އެތައް ގިނަ މަޝްރޫޢުތަކެއް ނުހިނގާ އޮތުމަށްފަހުގައި، އަދުގެ ސަރުކާރުން ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގަވަމުންދާކަން. މަގޫދުއާއި މުޅި ފ. އަތޮޅުގައިވެސް މިފަދަ މަޝްރޫޢުތައް ހިންގަމުންދޭ" މެމްބަރު މުބީން ވިދާޅުވިއެވެ.

ފ. މަގޫދޫ ބަނދަރު ހެއްދެވުމުގެ މަޝްރޫޢުގެ ދަށުން ބަނދަރުގެ އެއްގަމު ތޮށިލައި، ބޭރު ތޮށީގައި ބޮޑުހިލަ ޖަހާފައިވެއެވެ. އަދި އެއްގަމު ތޮށި ކައިރީގައި ޕޭވްމަންޓެއް ހައްދަވައި، މަގު ބައްތިތައްވެސް ވަނީ ހަރުކުރައްވާފައެވެ. މަގޫދޫގައި އަލަށް ހެއްދެވި މި ބަނދަރުގެ މަޝްރޫޢާއެކު އެރަށުގައި 3 ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ.