ޚަބަރު

ފޮރިން މިނިސްޓަރ، ފަލަސްތީނުގެ ވަފްދާ ބައްދަލުކުރައްވައިފި


ދިވެހިރާއްޖެއަށް ވަޑައިގެން އުޅުއްވާ ފަލަސްތީނުގެ ވަފްދާ ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމް ބައްދަލުކުރައްވައިފިއެވެ.

ފަލަސްތީނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިސްކޮށް ހުންނެވި މި ވަފްދާއެކު ފޮރިން މިނިސްޓްރީގައި މިއަދު އޮތް ބައްދަލުކުރެއްވުމުގައި ފަލަސްތީނާ ރާއްޖެއާ ދެމެދުގައި އޮތް ގާތް އަޚުވަންތަ ގުޅުން ފާހަގަކުރައްވައި، އެގުޅުމުގެ އަގުވަޒަން ކުރައްވާކަމަށް ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމް ވިދާޅުވިއެވެ. އަދި ބައިނަލްއަޤްވާމީ އެކި ޕްލެޓްފޯމްތަކުގައި ދިވެހިރާއްޖެ އަބަދުވެސް ފަލަސްތީނާ އެކުގައި އޮންނާނެކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިއެވެ.

img:http://s3.psmnews.mv/images/660x400/14851840177467.jpg|ފަލަސްތީނުގެ ވަފްދާއެކު ފޮރިން މިނިސްޓަރ ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން / ފޮޓޯ: ފޮރިން މިނިސްޓަރ

މިބައްދަލުވުމުގައި ފަލަސްތީނު ސަފީރު ދެއްކެވި ވާހަކަފުޅުގައި ދިވެހި ސަރުކާރުން ފަލަސްތީނާ މެދު ބަހައްޓަވާ ގާތްކަމާއި، ފަލަސްތީނާ އެއްކޮށް ދިވެހިރާއްޖެ އަބަދުވެސް އޮންނަ އޮތުން ފާހަގަކުރައްވައި ދިވެހި ސަރުކާރާއި ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާފައިވެއެވެ. މި ބައްދަލުވުމުގައި ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ފަލަސްތީނު ސަރުކާރުގެ ވަފްދު ރާއްޖެއަށް ކުރަމުންދާ މި ދަތުރަކީ ދިވެހިރާއްޖެއާއި ފަލަސްތީނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަތުމަށްޓަކައި ކުރާ ދަތުރެކެވެ. މިވަފްދު ދިވެހި ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.