ސިއްހަތު

އެމްޓީސީސީ ގެ "ފިޓްނަސް ޗެލްންޖް" ނިންމާލައިފި


"ފިޓްނަސް ޗެލްންޖް" ގެ ނަމުގައި އެމްޓީސީސީން އެކުންފުނީގެ މުވައްޒަފުންނަށް ކުރިއަށްގެންދިޔަ ހަރަކާތް ނިންމާލައިފިއެވެ.

މި ޕްރޮގްރާމަކީ ފަސްހަފްތާގެ މުއްދަތައް ކުރިޔަށް ގެންދިޔަ ހަރަކާތެކެވެ. "ފިޓްނަސް ޗެލެންޖް" ޕްރޮގްރާމަކީ ކުންފުނިތަކަށް ޚާއްސަ ކޮށްގެން ޓީއެފްޖީއިން ކުރިޔައްގެންދިޔަ ހަރަކާތެއްކަމަށާ، އެމްޓީސީގެ މުވައްޒަފުންނަށް ހިންގި ޕްރޮގްރާމްގައި އެކުންފުނީގެ 10 މުވައްޒަފަކު ބައިވެރިވެފައިވާކަމަށް ޓީއެފްޖީގެ ސީއީއޯ ޙުސައިން ޒިނާން ވިދާޅުވިއެވެ. މި ޕްރިގްރާމުގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދައިފައިވާ ތިން ބައިވެރިންނަށް ޓީއެފްޖީގެ ފަރާތުން ވަނީ އިނާމެއްގެ ގޮތުގައި އެތަނުގެ ޖިމްގެ މެމްބަޝިޕްކަން ހިލޭ ދީފައެވެ.

ފިޓްނަސް ޗެލެންޖްގެ ވަނަތައް ހޯދި ފަރާތްތަކަށް އިނާމު ހަވާލުކޮށްދިނީ މިއަދުގެ ރަސްމިޔާތުގެ ޝަރަފްވެރި މެހެމާން ރާއްޖޭގެ މަޝްހޫރު ގޯލްކީޕަރު އިމްރާން މުހައްމަދެވެ.

img:http://s2.psmnews.mv/images/660x400/14851737637042.jpg|އެމްޑީސީސީ ގެ "ފިޓްނަސް ޗެލްންޖް" ނިންމާލުމުގެ ރަސްމިޔާތު - ފޮޓޯ: ޓީއެފްޖީ

"ފިޓްނަސް ޗެލްންޖް" ނިމުމުގެ ރަސްމިޔާތުގައި އެމްޓީސީސީގެ ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން އެގްޒެކެޓިވް އަބްދުﷲ ފާއިދު ވިދާޅުވީ މުވައްޒަފުންނަކީ ދުޅަހެޔޮ ޞިއްޙަތެއްގައި ތިބޭ ބަޔަކަށް ހެދުމަށްޓަކައި ކުރިޔައްވެސް ގިނަ ކަންތައްތަކެއް ރާވާފައިވާނެ ކަމަށެވެ. މިގޮތުން ނިމިގެން ދިޔަ ފިޓްނަސް ޗެލެންޖްގެ އިތުރުން ޓީއެފްޖީ ލޯންގް ރަން ގައިވެސް އެމްޓީސީސީގެ އިސްވެރިން ބައިވެރިވަޑައިގަންނަވާނެކަމަށް ފާއިދު ވިދާޅުވިއެވެ.

ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އާ ގުޅިގެން އެމްޓީސީސީން ކުރިއަށްގެންދިޔަ މިޙަރަކާތަކީ އެކުންފުނީގެ މުވައްޒަފުންނަކީ ދުޅަހެޔޮ ޞިއްޙަތެއްގައި ތިބޭ ބަޔަކަށް ހެދުމުގެ މަޤުޞަދުގައި ކުރިއަށް ގެންދިޔަ ކަމެއްކަމަށް އެކުންފުނިން ބުންޏެވެ.