ޚަބަރު

"އެހީގެ ޙަރަކާތުން 100،000 އަށްވުރެ ގިނަ ރުފިޔާ ލިބުނު"


ޙާލުގައި ޖެހިފައިވާ ސޫރިޔާގެ ރައްޔިތުންނަށް އެހީ ހޯދުމަށްޓަކައި ކޭކްޑޮނާރސް ޓީމުން ކުރިއަށް ގެންދިޔަ ކަޕްކޭކް ވިއްކުމުގެ ޙަރަކާތުގައި 100،000 އަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އެޓީމުން ބުނެފިއެވެ.

މި ފައިސާ ޚަރަދުކުރުމަށް ނިންމާފައިވަނީ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންގެ ދަށުން ސޫރިޔާއަށް ފޮނުވުމަށް ހަމަޖެހިފައިވާ ތަކެތީގެ ތެރެއިން މަސްދަޅު ގަތުމަށް ކަމަށް އެ ޓީމުން ބުނެއެވެ. ކަޕް ކޭކް ވިއްކުމުގެ ޙަރަކާތް އެ ޓީމުން ކުރިއަށް ގެންގޮސްފައިވަނީ ނިމުނު ހޮނިހިރު ދުވަހު، މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައެވެ. އަދި މި ޙަރަކާތް ކުރިއަށް ދިޔައިރު އެހީގެ ގޮތުގައި އާންމުން ހަދިޔާކުރާ ތަކެތި ބަލައިގަތުންވެސް އެ ސަރަޙައްދުތަކުގައި ކުރިއަށްދިޔައެވެ. އެގޮތުން އެހީގެ ގޮތުގައި އަންނައުނާއި ކާބޯތަކެތީގެ ބައެއް ބާވަތްތަކާއި ސްކޫލްކުދިންގެ ބައެއް ސާމާނު ލިބުނު ކަމަށް އެޓީމުން ބުނެއެވެ.

މީގެ އިތުރުން ސޫރިޔާއަށް އެހީ ފޮނުވުމަށްޓަކައި އދ.މަހިބަދޫ އަލްބައްޔިނާ ޖަމްޢިއްޔާއިން ވެސް ވަނީ ބޯވަ ވިއްކުމުގެ ޙަރަކާތެއް މަހިބަދޫގައި ކުރިއަށް ގެންގޮސްފައެވެ. އެޙަރަކާތުން 21،000 ރުފިޔާ އެ ޖަމްޢިއްޔާއަށް ލިބިފައިވެއެވެ. މި ފައިސާ ޚަރަދުކުރާނީ އިންޓަރނޭޝަނަލް އެއިޑް ކޭމްޕްގެ ދަށުން ސޫރިޔާއަށް އެހީގެ ގޮތުގައި ފޮނުވާ ތަކެތި ގަތުމަށް ކަމަށް އެ ޖަމްޢިއްޔާއިން ބުނެއެވެ.

އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޙާލުގައި ޖެހިފައިތިބި މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގެ ޖަމްޢިއްޔާތަކެއް ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ކެމްޕެއިނެކެވެ.