ކުޅިވަރު

ދެ ޗެމްޕިއަނުންވެސް ކަޓައި އޮސްޓްރޭލިއަން އޯޕަން ފޯރިގަދަވެފައި!


އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންވެސް މުބާރާތުން ކަޓައި މުބާރާތުގެ ފޯރިގަދަ ވެއްޖެއެވެ.

އޮސްޓްރޭލިއާގެ މެލްބަންގައި ކުރިއަށްދާ އަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތުން އެންމެ ފަހުގެ ޗެމްޕިއަނުން ކެޓުމާއިއެކު ހައިރާންކޮށްލެވޭ ނަތީޖާތަކެއްވެސްދަނީ ފެންނަމުންނެވެ.

މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަން ނޮވަކް ޖޮކޮވިޗް ކެޓީ ދެވަނަ ބުރުގައެވެ. ދުނިޔޭގެ 117ވަނަ އަށް ރޭންކް ކުރެވިފައިވާ އުޒްބެކިސްތާންގެ ޑެނިސް އިސްތޮމަން އަތުން ޖޮކޮވިޗް ބަލިވީ ތިން ސެތު ދެ ސެޓުންނެވެ. އެއީ 7-6، 5-7، 2-6، 7-6، އަދި 6-4ންނެވެ. މި މެޗަކީ 2008ވަނަ އަހަރުގެ ވިމްބްލްޑަންގެ ފަހުން ގްރޭންޑް ސްލޭމް މުބާރާތުގެ ދެވަނަ ބުރުން ޖޮކޮވިޗް ބަލިވި ފުރަތަމަ މެޗެވެ. ޖޮކޮވިޗްވަނީ މި މުބާރާތް މީގެ ކުރިން ހަ ފަހަރު ކާމިޔާބުކޮށްފައެވެ. 

މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަން އެންޖެލީކް ކާރބާރވެސްވަނީ މުބާރާތުން ކަޓާފައެވެ. ކާރބާރ މުބާރާތުން ކެޓީ ހަތަރުވަނަ ބުރުގައި ކޮކޯ ވެންޑެވޭ އަތުންނެވެ. ދުނިޔޭގެ އެއްނަންބަރު ޓެނިސް ކުޅުންތެރިޔާ ކާރބާރ ވެންޑެވޭ އަތުން ބަލިވީ 6-2 އަދި 6-3ންނެވެ. ވެންޑެވޭ ގަދަ އަށެއްގައި ވާދަކުރާނީ ސްޕެއިންގެ މުގުރުޒާއާއެވެ.

img:http://s3.psmnews.mv/images/660x400/14851612929982.jpg|މިދިޔަ އަހަރުގެ އޮސްޓްރޭލިއަން އޯޕަންގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި ކާރބާރ / ފޮޓޯ : ޒިންހުއާ

މުބާރާތުގެ އަންހެން ސިންގަލްސްގެ ގަދަ އަށަކުން ޖާގަ ހޯދި އެހެން ކުޅުންތެރިންގެ ތެރޭގައި ވީނަސް ވިލިއަމްސް، ސެރީނާ ވިލިއަމްސް، ޖޮހާނާ ކޮންޓާ، ލުސިޗް ބަރޯނީ ފާހަގަކޮށްލެވެއެވެ.

ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިއެކޭ އެއްގޮތަށް ފިރިހެން އެއްވަނަ އެންޑީ މަރީވެސްވަނީ މުބާރާތުން ކަޓާފައެވެ. މުބާރާތުގެ ހަތަރުވަނަ ބުރުގައި މަރީ ބަލިވީ ޖަރުމަންވިލާތުގެ މިސްޗާ ޒަވަރޭވް އަތުންނެވެ. 

ފިރިހެން ސިންގަލްސް އިވެންޓަށް ބަލާލާއިރު، ތަޖުރިބާކާރު ރޮޖަރ ފެޑްރާވަނީ ގަދަ އަށަކުން ޖާގަ ހޯދާފައެވެ. އޭނާގެ އިތުރުން ސްޓޭން ވަވްރިންކާ، ޖޯވިލްފްރިޑް ސޮންގާ އަދި ޑޭވިޑް ގޮފިންވަނީ ގަދަ އަށެއްގެ ޖާގަ ކަށަވަރުކޮށްފައެވެ. ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާގެ މަގާމް ކުރިން ހޯދި ރަފައެލް ނަދާލްވެސް އަދި މުބާރާތުން ނުކަޓައެވެ.