ވިޔަފާރި

ބީއެމްއެލްއިން ދަތުރުވެރިންނަށް 1 މިލިއަން ޑޮލަރު ވިއްކައިފި


ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ޢާންމުންނަށް ބޭންކް އޮފް މޯލްޑިވްސުން، ދެހަފްތާތެރޭގައި އެއް މިލިޔަން ޑޮލަރު ވިއްކައިފިއެވެ. އެކި ބޭނުންތަކަށް ރާއްޖެއިން ބޭރަށްދާ ދިވެހި އާންމުންނަށް، ކޮންމެ ޓިކެޓަކަށް ފަސް ސަތޭކަ ޑޮލަރުގެ ރޭޓުން މި ޑޮލަރު ވިއްކާފައިވަނީ ކަނޑައެޅިފައިވާ އުޞޫލުން ބުކިންގ ހެދި މީހުންނަށެވެ. ދެހަފުތާތެރޭގައި އެއްމިލިޔަން ޑޮލަރ ބީއެމްއެލްއިން ވިއްކީ 2500 ދަތުރުވެރިންނަށްކަމަށް ބީއެމްއެލްއިން ބުނެއެވެ.

ދަތުރުވެރިންނަށް އެއްމިލިއަން ޑޮލަރު ވިއްކުމުގެ ލަނޑުދަނޑި ޙާޞިލްވުން ފާހަގަކުރުމަށް ބީއެމްއެލުން މިއަދު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ވަނީ ޙަފްލާއެއް ބާއްވާފައެވެ. ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޢާންމުންނަށް ޑޮލަރު ގަންނަން ފަސޭހަކޮށްދިނުމަށް 8 ޖަނަވަރީގައި ބީއެމްއެލްއިން ތަޢާރަފްކުރި އޮންލައިން ބުކިންގ ނިޒާމު މެދުވެރިކޮށް، ދަތުރުވެރިންނަށް މިހާތަނަށް އެއްމިލިއަން ޑޮލަރު ވިއްކާފައިވާއިރު، މި ނިޒާމަކީ ބޭނުންކުރަން ފަސޭހަ އަދި ޢާންމުންގެ ބޮޑު ތަރުޙީބެއް ލިބެމުން އަންނަ ނިޒާމެއްކަމަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލުން ބުނެއެވެ.

ދަތުރުވެރިންނަށް އެއްމިލިއަން ޑޮލަރު ދޫކުރުމުގެ ލަނޑުދަނޑި ޙާޞިލްވުން ފާހަގަކުރުމަށް ބީއެމްއެލުން މިއަދު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ޙަފްލާގައި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީ ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޙަފްލާގައި ޕީއެސްއެމާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޝައިނީ ވިދާޅުވީ ސްކޫލް ބަންދާ ދިމާކޮށް ޑޮލަރުގެ ޑިމާންޑު ބޮޑުވެގެންދާއިރު، ޢާއްމުންނަށް ޑޮލަރު ލިބޭނެ ފަސޭހަ އިންތިޒާމްތައް ސަރުކާރުން ހަމަޖައްސަވާދެއްވާނެކަމަށެވެ. މިނިސްޓަރ ވަނީ ބީއެމްއެލުން ޑޮލަރު ވިއްކުމުގައި މިހާރު ގެންގުޅޭ އުޞޫލަށް ތައުރީފްކުރައްވާފައެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ ބީއެމްއެލްގެ ޑޮލަރު ވިއްކުމުގެ ފަސޭހަ ޚިދުމަތާމެދު ޢާއްމުންގެ ހިތްހަމަޖެހޭކަމަށެވެ. ބޭންކް އޮފް މޯލްޑިވްސުން ފަސޭހަކަމާއެކު ޑޮލަރު ގަންނަންލިބޭ ނިޒާމުގެ ދަށުން، ބޭންކްގެ އޮންލައިން ޕޯޓަލް ބޭނުންކޮށްގެން ކަސްޓަމަރުންނަށް ޑޮލަރު ބުކިން ހެދޭނެއެވެ. އަދި ފުރަން ގޮސް އެއަރޕޯޓްގެ ޑިޕާޗަރ ގޭޓް 4 ގެ ކުރިމަތީގައި ޑޮލަރު ދޫކުރުމަށް ޚާއްޞަކޮށްފައިވާ ކައުންޓަރުން ޑޮލަރު ނެގޭނެއެވެ. އޮންލައިންކޮށް ބުކިންގ ނުހެދޭ ފަރާތްތަކަށް، އެއަރޕޯޓުން ޑޮލަރު ލިބޭގޮތަށް ބީއެމްއެލްގެ ކޮންމެ ބްރާންޗަކުންވެސް ޑޮލަރު ގަތުމަށް ފައިސާ ދެއްކޭނެއެވެ. އަދި ދުވަސްވީ މީހުންނަށާއި ޚާއްޞަ އެހީއަށް ބޭނުންވާ ދަތުރުވެރިންނަށް ހުރިހާ ވަގުތެއްގައިވެސް އިސްކަން ދެވޭނެކަމަށް ބީއެމްއެލުން ހާމަކުރެއެވެ.