ޚަބަރު

ބަންދުކުރާ މަގުތައް "ފަސޭހަ މަގު" އެޕްލިކޭޝަނުން އެނގޭނެ


އެކި ސަބަބުތަކާހުރެ ވަގުތީގޮތުން މަގެއް ނުވަތަ މަގެއްގެ ބަޔެއް ފުލުހުން ބަންދުކުރައްވައިފިނަމަ، ފަސޭހަ މަގު އެޕްލިކޭޝަން މެދުވެރިކޮށް ވަގުތުން ވަގުތަށް އެނގޭނެ އިންތިޒާމް ހަމަޖެއްސެވުމަށް ނިންމަވައިފިއެވެ. 

ފަސޭހަ މަގު އެޕްލިކޭޝަނަކީ މަގުމަތީގެ ޓްރެފިކާއި އެކި ބޭނުންތަކަށް މަގުބަންދަކުރެވޭ ގޮތުގެ މަޢުލޫމާތު މޯބައިލް އެޕްލިކޭޝަނަކުން ފަސޭހަކަމާއެކު ވަގުތުން ވަގުތަށް ލިބިދެއްވުމަށް ހައުސިންގ މިނިސްޓްރީން ތަޢާރަފްކުރައްވައި ބަލަހައްޓަމުން ގެންދަވާ އެޕްލިކޭޝަނެކެވެ. ފުލުހުން އެކި ސަބަބުތަކަށްޓަކައި ވަގުތީގޮތުން ބަންދުކުރައްވާ މަގުތަކުގެ މަޢުލޫމާތު މި އެޕްލިކޭޝަން މެދުވެރިކޮށް ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަށް ކަމާގުޅޭ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކުރައްވާފައެވެ.  

ހައުސިން މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ މުޙައްމަދު އިބްރާހީމްއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސަޢުދީއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރު މުޙައްމަދު އިބްރާހީމް ވިދާޅުވީ ހައުސިން މިނިސްޓްރީގެ "ފަސޭހަމަގު އެޕްލިކޭޝަން" މެދުވެރިކޮށް އެ މިނިސްޓްރީއަށް ރައްޔިތުންގެ ޚިޔާލު ލިބިވަޑައިގަންނަވަމުން އަންނަކަމަށެވެ. އޭގެ ތެރެއިން މަގުބަންދުކުރުމާއި ޓްރެފިކް ފަދަ ފުލުހުންގެ މަސައްކަތާ ގުޅޭ ކަންކަމުގެ ޚިޔާލުވެސް ޢާއްމު ފަރާތްތަކުން ހުށަހަޅަމުން އަންނަކަމަށެވެ. 

މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޑެޕިއުޓީ ކޮމިޝަނަރ ސަޢުދީ ވިދާޅުވީ ކުރިއަށް އޮތްތާނގައި ފުލުހުން އެކި ބޭނުންތަކުގައި ބަންދުކުރައްވާ މަގުތަކާބެހޭ މަޢުލޫމާތު، ފަސޭހަމަގު އެޕްލިކޭޝަން މެދުވެރިކޮށް ލިބުމުން ޢާއްމުންނަށް ފަސޭހަތަކެއް ލިބޭނެކަމަށެވެ. ފަސޭހަ މަގު އެޕްލިކޭޝަންގެ ހިދުމަތް ރައްޔިތުންނަށް ދެއްވުމަށް ރާއްޖޭގެ މުއާސަލާތީ ދެ ކުންފުނި ދިރާގާއި އުރީދޫއާ އެކުވެސް ހައުސިން މިނިސްޓްރީން ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވެއެވެ.