ޚަބަރު

ބޮޑެތި ކުށްކުރާ މިންވަރު މަދުކުރެވިއްޖެ - ހޯމް މިނިސްޓަރ


ރާއްޖޭގައި އަމާން ވެއްޓެއް ޤާއިމުކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ބޮޑެތި ކުށްތައް ކުރާ މިންވަރު 13 އިންސައްތަ ދަށްކުރެވިފައިވާކަމަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ މިހެން ވިދާޅުވީ، ސަރުކާރުން އިޖްތިމާއީ ތަރައްޤީއަށް ކޮށްދެއްވާފައިވާ އަދި ކޮށްދެއްވަމުންގެންދަވާ މަސައްކަތްތަކާގުޅޭ މަޢުލޫމާތު ޢާންމުންނަށް ފޯރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިސްނަންގަވައިގެން ކުރިއަށްގެންދަވާ "އަމާން ވެއްޓެއްގެ ހިތްހަމަޖެހުން" މި ހަރަކާތް ރަސްމީގޮތުން ފެށްޓެވުމަށް ބޭއްވެވި ރަސްމިއްޔާތުގައެވެ.

މިހަރަކާތުގެ ދަށުން އިޖްތިމާއީ އަމާން ވެއްޓެއް ޤާއިމުކުރެއްވުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތަކާ ގުޅޭ މައުލޫމާތު އެކި ޕްލެޓްފޯމްތައް މެދުވެރިކުރަށްވައި އާންމުންނަށް ފޯރުކޮށް ދެއްވުމަށް ހަމަޖެހިފައިވެއެވެ.

މިހަރަކާތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ މިކަމަށްޓަކައި ކަސްޓަމްސް ބިލްޑިންގްގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި ހޯމް މިނިސްޓަރ އަޒްލީން އަޙްމަދެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ، ދިވެހި ކޮންމެ ރައްޔިތަކަށް ޤާނޫނުއަސާސީން ލިބިދޭ ރައްކާތެރިކަން ކަށަވަރުކޮށްދީ ސުލްޙަވެރި މުޖުތަމައެއް ބިނާކޮށް، ދިރިއުޅޭނެ އަމާން ވެއްޓެއް ޤާއިމުކޮށްދިނުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒުކަމުގައެވެ.

އެގޮތުން ޒުވާނުންނަށް ފުރުޞަތުތައް ފަހިކޮށްދެއްވައިފައިވާކަން ފާހަގަކުރައްވާ އޭގެ ނަތީޖާއެއްގެ ގޮތުން ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި މުޖުތަމައުގައި ބޮޑެތި ކުށްތައް ކުރާ ނިސްބަތް 13 އިންސައްތަ ދަށަށް ގޮސްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ރައްޔިތުންނަށްފަހި އަމާން އިޖްތިމާއީ ވެއްޓެއް ޤާއިމުކުރުމަށްޓަކައި ސަރުކާރަކުން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް މި ސަރުކާރުން މިގެންދަނީ ކުރަމުން" ހޯމް މިނިސްޓަރ އަޒްލީން ވިދާޅުވިއެވެ.

އަމާން ވެއްޓެއް ކަށަވަރުކޮށްދެއްވުމަށްޓަކައި ސަރުކާރުން ކުރައްވާ މަސައްކަތްތައް ގުނާ އަދަދު ނުކުރެވޭހާ ގިނަކަމަށާއި، މީޑިއާގެ ވަޞީލަތްތައް މެދުވެރިކޮށް އާންމުންނާ ހަމައަށް ގެނެސްދެވިފައިވަނީ މިމަސައްކަތްތަކުގެ މަދު މިންވަރެއްކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

"މިއަދު ގިނަ ޒުވާނުންވަނީ ވަޒީފާތަކުގައި، މިއަދު ގިނަ ޒުވާނުންވަނީ ދިރިއުޅުން ހެޔޮގޮތުގައި ބައްޓަން ކުރަން ފަށްޓާފައި، މިއަދު ގިނަ ޒުވާނުން ގެންދަނީ ސަރުކާރުން ފަހިކޮށްދިން މަތީ ތަޢުލީމުގެ ފުރުޞަތުތައް ބޭނުންކުރަމުން." ހޯމް މިނިސްޓަރ އަޒްލީން ވިދާޅުވިއެވެ.

އަމާން ވެއްޓެއްގެ ހިތްހަމަޖެހުން މި ނަމުގައި ފެށްޓެވި ހަރަކާތުގައި ހޯމް މިނިސްޓްރީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީއާއި، ބަންޑާރަނައިބުގެ އޮފީހާއި، ފުލުހުންނާއި، އިމިގްރޭޝަނާއި، މޯލްޑިވްސް ކަސްޓަމްސްއާއި، ކަރެކްޝަނަލް ސަރވިސްއާއި، ނޭޝަނަލް ޑްރަގް އެޖެންސީއާއި، ކޮމިޔުނިކޭޝަން އޮތޯރިޓީއާއި، ލޭބަރ ރިލޭޝަންސް އޮތޯރިޓީ އާއި، ޖުވެނައިލް ޖަސްޓިސް ޔުނިޓް ބައިވެރިވެޑައިގަންނަވައެވެ.