ޚަބަރު

ހދ. އަތޮޅުގެ 13 ރަށަކަށް ހައުސިންގ މިނިސްޓަރ ޒިޔާރާތްކުރައްވައިފި


ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުޢިއްޒު ޒިޔާރާތްކުރައްވައިފިއެވެ.

މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުޢިއްޒުގެ މި ދަތުރުފުޅަކީ، އަތޮޅުތެރޭގެ ކަންކަން މިހާރަށްވުރެ ހަރުދަނާގޮތެއްގައި ބެއްލެވުމަށް، ރައީސުލްޖުމްހޫރިއްޔާ ދާދި ފަހުން އެކުލަވާލެއްވެވި ސިޔާސަތުގެ ދަށުން، ހދ. އަތޮޅަށް ކަނޑައެޅުއްވި ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން އެމަނިކުފާނު ކުރެއްވި ދަތުރުފުޅެކެވެ.

img:http://s2.psmnews.mv/images/660x400/14850770718132.jpg|ހައުސިންގ މިނިސްޓަރ ޑރ.މުޢިއްޒު ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން- ޕީއެސްއެމް

މި ދަތުރުފުޅުގައި މިނިސްޓަރ މުޢިއްޒު ވަނީ ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން، އެރަށްރަށުގެ ކައުންސިލްތަކާއި، މުއައްސަސާތަކުގެ އިސްވެރިންނާއި، އިސްރަށްވެހިންނާއި ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުންތަކުގައި އެރަށްރަށުގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު އޮޅުންފިލުއްވާ ރައްޔިތުންގެ ފަރާތުން ހުށައެޅި ޝަކުވާތަކާއި، ރައްޔިތުން ބޭނުންވާ ކަންކަމުގެ މަޢުލޫމާތު ހޯއްދަވާފައިވެއެވެ.  

ހދ. އަތޮޅުގެ 13 ރަށަށް ހައުސިންގ މިނިސްޓަރ ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންގެ ފަރާތުން މައިގަނޑު ގޮތެއްގައި ހުށައަޅާފައިވާ ޝަކުވާތަކުގެ ތެރޭގައި، އާބާދީގެ ގޮތުން މިހާ ބޮޑު އަތޮޅެއްގައި ފަތުރުވެރިކަމުގެ ސިނާޢަތް ތަރައްޤީ ނުކުރެވިފައި އޮތްއޮތުމާއި، އެކަމުގެ ސަބަބުން ގިނަ އަދަދެއްގެ ޒުވާނުން އަތޮޅުން ބޭރަށް ވަޒީފާ ހޯދުމަށް ދާން މަޖުބޫރުވާކަން ފާހަގަކުރައްވާފައިވެއެވެ.

ހަމަ އެހެންމެ ތަޢުލީމާއި ޞިއްޙީ ދާއިރާގައި ހުރި ގޮންޖެހުންތަކާއި، ކުނީގެ މައްސަލަތަކާއި، ފެނާއި ނަރުދަމާގެ މައްސަލަ ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ކުރިންވެސް ބޭނުންކުރަމުން އަންނަ ބަނދަރުތަކާއި، އަލަށް ހަދާފައިވާ ބަނދަރުތަކުގައިވެސް ދިމާވެފައިވާ ބައެއް މައްސަލަތަކާއި ގުޅޭގޮތުން ރަށްރަށުގެ އޮޑިވެރިންނާއި، ފަޅުވެރިންގެ ކަންބޮޑުވުންތައްވެސް ހިއްސާކޮށްފައިވެއެވެ. އަދި ބައެއް މުއައްސަސާތަކަށް ދިމާވެފައިވާ މުވައްޒަފުންގެ ދަތިކަމުގެ ޝަކުވާވެސް ގިނަ ރަށްރަށުން މިނިސްޓަރާއި ހިއްސާކުރައްވާފައިވެއެވެ.

ކޮންމެ ރަށެއްގައިވެސް ވަކިވަކިން ބޭއްވެވި ބައްދަލުވުންތަކުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މި ޝަކުވާތަކަށް ހައްލުކޮށްދެއްވުމަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން މިނިސްޓަރ މުއިއްޒު ދެއްވާފައިވެއެވެ. އަދި ތަރައްޤީއާއި ގުޅުންހުރި މަޝްރޫޢުތައް ހިންގެވުމުގައި ސަރުކާރުން ގެންގުޅުއްވާ ވިސްނުންފުޅާއި، ސަރުކާރުން ކުރައްވާ މަސައްކަތްތަކުގައި ކައުންސިލްތަކުގެ އެއްބާރުލުން ދެއްވުމަށް މިނިސްޓަރ އެދިވަޑައިގެންފައިވެއެވެ. އަދި މިފަދަ ދަތުރުތަކުގައި އެއްކުރެވޭ މަޢުލޫމާތުގެ އަލީގައި، ސަރުކާރުން ހިންގަވާ ތަފާތު މަޝްރޫޢުތައް ހަލުވި މިނެއްގައި ކުރިއަށްގެންދެވުމަށް އިތުރަށް މަސައްކަތް ކުރައްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ހދ. އަތޮޅަށް ކުރެއްވި މި ދަތުރުފުޅުގައި ހައުސިންގ މިނިސްޓަރ މުޢިއްޒުގެ އަރިހުގައި، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަޙުމަދު ނިހާން ޙުސައިންމަނިކުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.