ކުޅިވަރު

ރޫނީ ރެކޯޑާއިއެކު ޔުނައިޓެޑު ސަލާމަތްކޮށްދީފި


ދެވަނަ ހާފްގައި ކުޅެން ނިކުމެ މެޗުގެ އިތުރު ވަގުތުގައި ރޫނީ ކާމިޔާބުކުރި ގޯލާއިއެކު ޔުނައިޓެޑް ބަލިވިޔަ ނުދީ އޭނާ ސަލާމަތްކޮށްދީފިއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ސްޓޯކް ސިޓީއާއި ޔުނައިޓެޑް ވާދަކުރި މެޗް ނިމުނީ 1-1 ން އެއްވަރުވެގެންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ހުއާން މާޓާ އަތުން ބައިކޮޅަށް ވަތް ލަނޑުން ސްޓޯކް ލީޑް ނެގިއެވެ. ގިނަ ހަމަލާތަކެއް އުފައްދަމުންދިޔަ ޔުނައިޓެޑަށް މެޗުން ޕޮއިންޓެއް ލިބުނީ ވޭން ރޫނީ ޖަހައިދިން ހިލޭ ޖެހުމުންނެވެ. 

ރޫނީގެ މި ލަނޑާއިއެކު އޭނާ ވަނީ ޔުނައިޓެޑަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑް މުގުރާލާފައެވެ. 249 ގޯލާއިއެކު މި ރެކޯޑް ކުރިން އޮންނަނީ ސަރ ބޮބީ ޗާލްޓަން އަތުގައެވެ. ރޭގެ ގޯލަކީ ރޫނީ ޔުނައިޓެޑްގެ ޖާރޒީގައި ޖެހި 250 ވަނަ ލަނޑެވެ.

ރޭފެ މެޗަށްފަހު ޔުނައިޓެޑްގެ ކޯޗް ޚޯސޭ މޮރީނިއޯ ބުނީ، ރޭގެ މެޗުގެ ފުރަތަމަ ވިހި މިނެޓަށް ފަހު ސްޓޯކުން ޑިފެންސް ކުރީކަމަށާއި، އެމީހުން އެކަން ވަރަށް ރަނގަޅަށް ކުރިކަމަށެވެ. ޔުނައިޓެޑާއި ދެކޮޅަށް ކޮންމެ ޓީމެއްގެ ކީޕަރެއްވެސް އާދަޔާ ޚިލާފަށް މޮޅަށް ކުޅޭކަމަށާއި، ރޭގެ މެޗުގައިވެސް ފެނިގެންދިޔައީ އެ މަންޒަރުކަމަށް އޭނާ ބުންޏެވެ. 

"ރޭގެ މެޗުގައި އެއް ޓީމް ކުޅުނީ ޑިފެންސްކުރަން، އަނެއް ޓީމް ކުޅުނީ ގޯލް ޖަހަން، އެ ތަފާތު އެ ފެނުނީ، އަނެއްކޮޅުން ޔުނައިޓެޑާއި ދެކޮޅަށް ކުޅޭ ކޮންމެ ގޯލްކީޕަރެއްވެސް އާދަޔާ ޚިލާފަށް މޮޅަށް ކުޅޭ" މޮރީނިއޯ ބުންޏެވެ.

ރޭގެ މެޗަށްފަހު ސްޓޯކް ސިޓީގެ ކޯޗް މާކް ހިއުސް ބުނީ ތިން ޕޮއިންޓަށް ވަރަށް ބޮޑަށް އުއްމީދުކުރިކަމަށާއި، ނަސީބުވެސް އެހީ ނުވީކަމަށެވެ. ކުޅުންތެރިން ދެއްކި ހިތްވަރަށް ބުނާނެ އެއްވެސް އެއްޗެއް ނެތްކަމަށާއި، މެޗުގައި ދެއްކި ކުޅުމަކީ ކުރިއަށްހުރި މެޗުތަކަށް ލިބުނު ހިތްވަރެއްކަމަށްވެސް ހިއުސް ބުންޏެވެ. 

ޕްރިމިއަރ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ލިވަޕޫލްވަނީ 2-3 ން ސްވަންސީ ސިޓީ އަތުން ބަލިވެފައެވެ.