ޚަބަރު

"ޅެންވެރިންގެ ބަހާރު"ގެ ނަމުގައި ޚާއްޞަ ޙަފްލާއެއް ބާއްވައިފި


ދިވެހި ރާއްޖޭގެ 28 ވަނަ ޅެންވެރިންގެ ދުވަސް ފާހަގަކުރެއްވުމުގެ ގޮތުން "ޅެންވެރިންގެ ބަހާރު"ގެ ނަމުގައި، ޚާއްޞަ ޙަފްލާއެއް ބާއްވައިފިއެވެ.

ރޭ އޮލިމްޕަހުގައި ބޭއްވެވި މި ޙަފްލާގައި ރާއްޖޭގެ މަޝްހޫރު ޅެންވެރިންގެ ޝާއިއުކުރައްވާފައިވާ 4 ފޮތެއް ނެރެދެއްވާފައިވެއެވެ. މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއާއި، ދިވެހި ބަހުގެ އެކެޑަމީއާއި، ޕަބްލިކް ސާވިސް މީޑިއާ - ޕީއެސްއެމާއި، އެމްއެންޑީއެފް އަދި ނެޝަނަލް ސެންޓަރ ފޯރ ދި އާޓްސް ގުޅިގެން އޮލިމްޕަހުގައި ބޭއްވި ޚާއްޞަ ޙަފްލާގައި، ރާއްޖޭގެ މަޝްހޫރު ޅެންވެރިންނާއި، ކުރީގެ މަޝްހޫރު ލަވަކިޔުންތެރިންނާއި، ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. img:http://s4.psmnews.mv/images/660x400/14850659189156.jpg|"ޅެންވެރިންގެ ބަހާރު" ގެ ތެރެއިން - ފޮޓޯ: ޢަލީ ނަޞީރު / ޕީއެސްއެމް

"ޅެންވެރިންގެ ބަހާރު" ގެ ނަމުގައި ބޭއްވެވި މިޙަފްލާ ކުރިޔަށް ގެންދަވާފައިވަނީ ޅެންވެރިންގެ ޢީދެއްގެ ގޮތުގައެވެ. މިފަހަރުގެ މި ހަފްލާ ފެނިގެންދިޔައީ އެހެން އަހަރުތަކާއި ވަރަށްވެސް ތާފާތުކޮށެވެ. ޙަފްލާ ހުށައަޅަދިނުމާއި ޖަލްސާގައި ވާހަކަފުޅު ދެއްކެވި ހުރިހާ ބޭފުޅުންގެ ވާހަކަފުޅު ދައްކާވަފައިވަނީވެސް މުޅިންހެންވެސް ޅެންބައިތުތަކުންނެވެ.

މި ޙަފްލާ ޝަރަފްވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ ޅެންވެރިންނަކީ އެމީހުންނަށް ޅެންތަކުން މުޖްތަމަޢަށް އެތައް މެސެޖެތަކެއްދީ ޤައުމުގައި ހުރި ނޭދެވޭ ކަންކަން އިސްލާހު ކުރުމަށް އެހީވެދެއްވާ ބައެއްކަމަށެވެ.  

"ޅެންވެރިން އެބޭފުޅުންގެ ބަސްތަކުން ވަރަށް ބޮޑު އަސަރެއް މުޖުތަމަޢުއަށް ކުރުވާ. އެއީ ޤައުމިއްޔަތު ދިރުވަން ކަމަށް ވިޔަސް، އެއީ ދީނީ ގޮތުން އެއްޗެއް ބުނުވުން ކަމަށް ވިޔަސް، އަޅުގަނޑުމެންނަށް އިވޭ ވަރަށް ހިއްގައިމު މަދަހަ ހަމަ ޅެންވެރިކަމުގެ ތެރެއިން" ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވިއެވެ. img:http://s2.psmnews.mv/images/660x400/14850664901969.jpg|"ޅެންވެރިންގެ ބަހާރު" ގެ ތެރެއިން - ފޮޓޯ: ޢަލީ ނަޞީރު / ޕީއެސްއެމް

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވީ، ދިވެހި ފިލްމީ ސިނާޢަތަކީ ދިވެހިރާއްޖޭގެ ސަޤާފަތާއި ޤައުމީ ލޯތްބާއި ވަތަނިއްޔަތު، ދެމެހެއްޓެނިވިގޮތެއްގައި ކުރިއަށް ގެންދިއުމުގެ އާރާއި ބާރު ހުރި ވާދީއެއްކަމުގައެވެ. އަދި މި ސިނާއަތު ކުރިއަރައިގެން ދިއުމަކީ ދިވެހި ޅެންވެރިކަމުގެ ކުރިމަގު ކަމަށް އަޝްރަފު ވިދާޅުވިއެވެ. img:http://s4.psmnews.mv/images/660x400/14850658723320.jpg|"ޅެންވެރިންގެ ބަހާރު" ގެ ތެރެއިން - ފޮޓޯ: ޢަލީ ނަޞީރު / ޕީއެސްއެމް

"ދިވެހި ޅެންވެރިކަމުގެ ކުރިމަގު ބިނާވާނީ ދިވެހި ފިލްމީ ސިނާޢަތުގެ މައްޗަށް. ދިވެހި ތަމްސީލާއި ސްޓޭޖް ޑްރާމާތަކާއި އެފަދަ ކޮންމެ ކަމެއްގެ މަޤްސަދާއި މަތުލަބު ބިނާކުރަންވާނީ ދިވެހި ފިލްމީ ސިނާޢަތުގެ މައްޗަށް ކަމަށް އަޅުގަނޑު ދެކެނީ. އެއީ ޤަދަރުހުރި އަގުހުރި އަގުކުރާ އެންމެ ލޯބިވާ ސިނާޢަތަށް ހެދުމަކީ މުސްތަޤްބަލުގައި ދިވެހިރާއްޖޭގެ ޤައުމިއްޔަތަށް ކުރެވޭ އެންމެބޮޑު ފަރުވާ ކަމުގައި ނޫނީ ނުވާނެ" ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރާއްޖޭގެ ކުޅަދާނަ ބައެއް ޝާއިރުންގެ ހައްދަވާފައިވާ ޅެންފޮތްތަކެއް ވަނީ ނެރެދެއްވާފައެވެ. އޭގެތެރޭގައި ސަކީނާ އަބްދުލް ޤައްޔޫމާއި އޮގަރު އިބްރާހިމް ވަހީދުގެ ޅެންފޮތަކެއް ހިމެނެއެވެ. އަދި އަބްދުﷲ މުޙައްމަދުގެ ނޫރާނީ 1 ޅެން ފޮތާއި ޅެންވެރިންގެ ބަހާރުގެ ނަމުގައި ރާއްޖޭގެ ޝާއިރުން ހައްދަވާފައިވާ ޅެން ފޮތެއްވެސް ހިމެނެއެވެ. މީގެއިތުރުން ކޮޕީ މުޙައްމަދު ރަޝީދު ހައްދަވާފައިވާ ޅެންތައް ހިމެނޭ ސީޑީއެއްވެސް މި ހަފްލާގައި ނެރެދެއްވާފައިވެއެވެ. img:http://s1.psmnews.mv/images/660x400/14850665477089.jpg|"ޅެންވެރިންގެ ބަހާރު" ގެ ތެރެއިން - ފޮޓޯ: ޢަލީ ނަޞީރު / ޕީއެސްއެމް

މި ހަފްލާގައި ދިވެހި ޅެމުގެ މުއްސަނދިކަން ދައްކުވައިދޭ ތަފާތު ޅެންތައް ހުށައަޅަދީފައިވެއެވެ. މި ހަފްލާގައި ރާއްޖޭގެ މަޝްހޫރު އެތަކެއް ފަންނާނުން ލަވަ ހުށައަޅައިދީފައިވެއެވެ. އޭގެތެރޭގައި އިބްރާހިމް ޙަމްދީ، އުމަރު ޒާހިރު، އަދި މުޙައްމަދު އަބްދުލް ޢަނީ ހިމޭނެއެވެ. މީގެއިތުރުން ރާއްޖޭގެ ސަޤާފީ ނެށުންތަކާއެކު ސިފައިންގެ ބޮޑުބެރު ގުރޫޕާއި، ދަންމާނު ބޮޑުބެރު ގުރޫޕްގެ އިތުރުން ފަތްމިނި ބޮޑުބެރު ގުރޫޕުންވަނީ މި ހަފްލާފައި ހުށައެޅުންތައް ހުށައަޅައިދީފައެވެ. img:http://s1.psmnews.mv/images/660x400/14850658956711.jpg|"ޅެންވެރިންގެ ބަހާރު" ގެ ތެރެއިން - ފޮޓޯ: ޢަލީ ނަޞީރު / ޕީއެސްއެމް