ޚަބަރު

ޢިލްމުވެރިންގެ 4 ވަނަ މަހާސިންތާ ނިންމަވާލައްވައިފި


ޢިލްމުވެރިންގެ މެދުގައި 25 ނުކުތާއަކަށް އެއްބަސްވެ، ޢިލްމުވެރިންގެ 4 ވަނަ މަހާސިންތާ ނިންމަވާލައްވައިފިއެވެ.

މިމަހުގެ 19އިން 21ގެ ނިޔަލަށް ބޭއްވެވި މި މަހާސިންތާގައި ޢިލްމުވެރިން ބަހުސްކުރައްވާފައިވަނީ '' ﷲ ގެ އިންތައް ފަހަނައަޅައި ނުދާށެވެ. '' މިމައުޟޫއަށެވެ.

އިސްލާމިކް މިނިސްޓްރީން އިންތިޒާމުކުރައްވައިގެން ބޭއްވެވި މިމަހާސިންތާގައި ރާއްޖޭގެ ޢިލްމުވެރިންނާއި، ރާއްޖެއިން ބޭރުގެ 50އެއްހާ ޢިލްމުވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އިސްލާމީ މަރުކަޒުގައި ބޭއްވެވި ރަސްމިޔާތުގައި ވަނީ މަހާސިންތާގައި ބައިވެރިވަޑައިގަތް ޢިލްމުވެރިންގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ދެއްވާފައިވެއެވެ. ޢިލްމުވެރިންނަށް ހަނދާނީ ލިޔުން ދެއްވީ މިހާރު ރާއްޖެ ވަޑައިގެންއުޅުއްވާ ސޫދާނުގެ އިސްލާމީ ފިޤުހު ކައުންސިލް މެންބަރު ޑރ. މުޙައްމަދު އިބްރާހީމެވެ.

"ﷲ ގެ އިންތައް ފަހަނައަޅައި ނުދާށެވެ.'' މިމައުޟޫޢަށް ތަފާތު 8 ކަރުދަހާއެއް މަހާސިންތާއަށް ހުށަހަޅުއްވާ ބަހުސްކުރެއްވިއެވެ. ބަހުސްކުރެއްވި ކަންތައްތަކުގެ ތެރޭގައި، ހައްދު ފަހަނައަޅައި ދިއުމަކީ ކޮބައިކަމާއި، ޖިހާދުގެ ޝަރުޢީ ޙުކުމްތަކަކީ ކޮބައިތޯއާއި، ޣައިރު މުސްލިމުންނާއި މުސްލިމުން މުޢާމަލާތް ކުރަންވީ ކިހިނެއްކަމާއި، މުސްލިމުންގެ މެދުގައި އެކަކު އަނެކަކުގެ ޙައްޤުތަކަކީ ކޮބައިކަމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެެއެެވެ.

އިސްލާމިކް މިނިސްޓްރީގެ ނާއިބު އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ރަޝީދު ވިދާޅުވީ، އިސްލާމް ދީނާ ބެހޭ ގޮތުން ސައްޙަ މަޢުލޫމާތު ޢާންމުންނާ ހަމަޔަށް ފޯރުކޮށްދިނުމަށް ބޭއްވެވި މިމަހާސިންތާއަކީ ކާމިޔާބު މަހާސިންތާއެއް ކަމަށެވެ.

މަހާސިންތާގައި ބަޙުސްކުރެއްވި ކަންތައްތަކުގެ މައްޗަށް ރިޢާޔަތްކޮށް 25 ކަމަކަށް ޢިލްމުވެރިންގެ މެދުގައި އެއްބަސްވިއެވެ. އޭގެ ތެރޭގައި ދީނަށް އުޅުމަކީ، ހައްދުފަހަނައަޅައިދި ދިޔުން ކަމަށް ނުބުނެވޭނެ ކަމާއި، ދީނާ ދެކޮޅަށް ކުރެވޭ އަމަލުތަކަކީ އެއީ ހައްދު ފަހަނަ އަޅާ ދިއުމުގެ އަމަލުގެ ގޮތުގައި ބަލައިގަތުމާއި، ޣައިރު މުސްލިމަކަށް ރާއްޖޭގައި އަމަން އަމާންކަން އޮންނަންވާނެ ކަމަށް ޢިލްމުވެރިންގެ މެދުގައި އެއްބަސްވެފައިވެއެވެ.

ޢިލްމުވެރިންގެ މަހާސިންތާގެ ބައިވެރިއެއް ކަމަށްވާ އައްޝައިޚް އަލީ ޒާހިރު ބިން ސައީދު ޤާސިމް ވިދާޅުވީ، ދީނީ ގޮތުން ވިޔަސް އަދި އެނޫން ގޮތަކުންވެސް މީހުން ހައްދު ފަހަނައަޅާ ދަނީ ކޮން ކޮން ސަބަބުތަކާ ހުރެކަން ޢިލްމުވެރިންގެ މެދުގައި ވަރަށް ފުޅާކޮށް ބަހުސްކުރެއްވި ކަމަށެެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ޢިލްމުވެރިންގެ 5 ވަނަ މަހާސިންތާ އަންނަ އަހަރުވެސް ބާއްވަވާނެކަން ޢިއުލާންކުރައްވާފައެވެ. މިނިސްޓްރީން ވިދާޅުވީ، އަންނަ އަހަރު ބޭއްވެވުމަށް ހަމަޖެހިފައިވާ މަހާސިންތާގައި މާލޭގެ އިތުރުން އަތޮޅުތެރޭގައި ތިއްބެވި ޢިލްމުވެރިންނަށް ފުރުޞަތު ދެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.