ޚަބަރު

ދައުލަތުގެ ބެލެހެއްޓެވުމުގެ ދަށުގައި ތިބި ކުދިންނަށް ވަޒީފާ


ދައުލަތުގެ ބެލެހެއްޓެވުމުގެ ދަށުގައި ތިބި ކުދިންނަށް ތަމްރީނާއި ވަޒީފާގެ ފުރުޞަތު ފަހިކޮށްދެއްވުމަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ، ރާއްޖޭގެ ރިސޯޓް ތަކަށާއި އަމިއްލަ ކުންފުނިތަކަށް ގޮވާލައްވައިފިއެވެ. އެކަމަނާ މިކަމަށް ގޮވާލެއްވީ، ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ހޮސްޕިޓާލިޓީ ދާއިރާއިން ތަމްރީނާއި، ތަޖުރިބާ ހޯދައިދިނުމުގެ ،މަޤްޞަދުގައި ޖެންޑަރ މިނިސްޓްރީއާއި، އަނަންތާރާ ރިސޯޓާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް މިއަދު ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކ. ވިލިގިލީގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންނަށް 16 އަހަރުން މަތީގެ ކުދިންނަށް، ހޮސްޕިޓާލިޓީ ދާއިރާއިން ތަޢުލީމާ ތަޖުރިބާ ހޯދައިދިނުމުގެ މަޤްޞަދުގައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި އަނަންތާރާ ރިސޯޓް އާއި ދެމެދު ވަނީ އެމްއޯޔޫއެއްގައި ސޮއިކުރައްވާފައެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް އަނަންތާރާ ދިގުރަށުގައި ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ، ދައުލަތުގެ ހިޔާތަކަށް ގެންނަ ކުދިންގެ ޢަދަދު އަހަރުން އަހަރަށް އިތުރުވަމުން އަންނަ ކަމަށާއި، މިކުދިންނަށް އާދައިގެ ދިރިއުޅުމަކަށް ގެނައުމަށް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އެގޮތުން އެކުދިން ބާރުވެރިކުރުވުމުގެ ގޮތުން ތަޢުލީމީ އަދި ފަންނީ ހުނަރުތައް ދަސްކޮށްދެމުންދާ ކަމަށާއި، މިކަމަށް އަމިއްލަ ފަރާތްތަކުގެ އެއްބާރުލުން ސަރުކާރަށް ބޭނުންވާ ކަމަށެވެ. އަދި އަނަންތާރާއާއި އެކު ވެވުނު އެއްބަސްވުމަކީ މިކަމުގެ ފެށުން ކަމަށް ވިދާޅުވެ، މިކަން ނަމޫނާއަކަށް ބަލާ، އެހެން ރިސޯޓްތަކާއި، އަމިއްލަ ކުންފުނިތަކުން މިފަދަ ކުދިންނަށް ތަމްރީނާއި ވަޒީފާގެ ފުރުޞަތު ފަހިކޮށްދެއްވުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.

"މައިނާ ހޯޕް ޕްރޮޖެކްޓް" ގެ ނަމުގައި ވެވުނު މިއެއްބަސްވުމާއެކު، ވަކި އުޞޫލެއްގެ ދަށުން ކޮންމެ އަހަރަކުވެސް ހިޔާގެ ކުދިންނަށް އިންޓަރންޝިޕްގައި ބައިވެރިވެވޭނޭ އިންތިޒާމް އެރިސޯޓުން ހަމަޖައްސައިދޭނެއެވެ. އެގޮތުން އެންމެ ފުރަތަމަ ބެޗު ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހު ކަމަށާއި، ފުރަތަމަ ބެޗުގައި ތިން ކުދިންނަށް އިންޓާރންޝިޕް ފުރުޞަތު ފަހިކޮއްދޭނޭ ކަމަށް ރިސޯޓުން ބުނެއެވެ. އަދި އިންޓާރންޝިޕް ނިންމާ ކުދިންނަށް ރާއްޖޭގައި ހުރި އަނާންތާރާ ގްރޫޕްގެ 6 ރިސޯޓުންނާއި، އަދި ބޭރުގެ ޤައުމުތަކުގެ އަނަންތާރާ ރިސޯޓްތަކުންވެސް ފުރުޞަތު ދޭނޭ ކަމަށް އެރިސޯޓުން ބުނެއެވެ.

އަނަންތާރާ ރިސޯޓުން ބުނީ، މާދަމާއިން ފެށިގެން ފުރަތަމަ ބެޗުގެ ކުދިން ސްކްރީން ކުރުމުގެ މަސައްކަތް ފެށިގެން ކުރިޔަށްދާނޭ ކަމަށެވެ. ދައުލަތުގެ ބެލެހެއްޓެވުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި މިހާރު 68 ކުދިން އެބަތިއްބެވެ. މީގެ ތެރޭގައި 16 އަހަރުން މަތީގެ 16 ކުއްޖަކު އެބަތިއްބެވެ. މައިނަރ ހޯޕް ޕްރޮޖެކްޓުގެ ދަށުން އެކި އަހަރުތަކަށް ބަހާލައިގެން މިކުދިންނަށް ހޮސްޕިޓާލިޓީ ދާއިރާއިން ތަޢުލީމާއި ތަޖުރިބާގެ ފުރުޞަތު ހުޅުވާލާނޭ ކަމަށް އަނަންތާރާ ރިސޯޓުން ބުނެއެވެ.