ޚަބަރު

ސޫރިޔާގެ ރައްޔިތުންނަށް އެހީ ހޯދުމުގެ ގޮތުން ކަޕް ކޭކު ވިއްކައިފި


ޙާލުގައި ޖެހިފައިވާ ސޫރިޔާގެ ރައްޔިތުންނަށް އެހީ ހޯދުމުގެ ގޮތުން ކަޕް ކޭކު ވިއްކުމުގެ ޙަރަކާތެއް "ކޭކް ޑޮނާސް" ޓީމުން މިއަދު ކުރިއަށް ގެންގޮސްފިއެވެ.

މި ޙަރަކާތަކީ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންގެ ދަށުން ސޫރިޔާއަށް ފޮނުވުމަށް ހަމަޖެހިފައިވާ ބައެއް ތަކެތި ގަތުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހިންގުނު ޙަރަކާތެއް ކަމަށް އެ ޓީމުން މަޢުލޫމާތުދެއެވެ. މިގޮތުން މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގެ އިތުރުން އެ ޓީމުން މާލޭގެ ބައެއް ފިހާރަތަކުގައިވެސް ކަޕްކޭކާއި ޕޭސްޓްރީގެ ބައެއް ބާވަތްތައް ވިއްކާފައިވެއެވެ.

މިއަދުގެ ޙަރަކާތާއި ގުޅޭ ގޮތުން ޕީއެސްއެމަށް މަޢުލޫމާތު ދެމުން ކޭކްޑޮނާރސް ގެ ފައުންޑަރ ޢާއިޝަތު ޝެރީން ބުނީ މި ޙަރަކާތަށް ޢާންމުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ދިޔަ ކަމަށެވެ.

"إن شاء الله ވަރަށް ކާމިޔާބޭ ދެންނެވޭނީ. އަޅުގަނޑުމެން ވިއްކަން ގެނައި ކޭކުތައް ހުސްވެގެން އިތުރަށް ކޭކުތައް ބޭކުކޮށްގެން ގެންނަމުން މިދަނީ." ޝެރީން ބުންޏެވެ.

ކަޕްކޭކު ވިއްކައިގެން ލިބޭ ފައިސާ ހޭދަކުރާނީ ސޫރިޔާއަށް ފޮނުވުމަށް ލިސްޓުކުރެވިފައިވާ އެހީތަކުގެ ތެރެއިން ކޮންމެވެސް އެއް ބާވަތެއް ގަތުމަށް ކަމަށް ކޭކް ޑޮނާރސް ޓިމުން ބުނެއެވެ. އަދި މި ޙަރަކާތް ކުރިއަށް ދިޔައިރު އެހީގެ ގޮތުގައި އާންމުން ހަދިޔާކުރާ ތަކެތި ބަލައިގަތުންވެސް އެ ސަރަޙައްދުތަކުގައި ކުރިއަށްދިޔައެވެ. އިންޓަރނޭޝަނަލް އެއިޑް ކޭމްޕްގެ ދަށުން އެހީގެ ގޮތުގައި ސޫރިޔާއަށް ފޮނުވަން ނިންމާފައިވަނީ އަންނައުނާއި، ގޮދަޑިއާއި ކުޑަކުދިންގެ ކާނާއެވެ.

"ކޭކް ޑޮނާރސް" އަކީ އެކި ކަންކަމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީ ހޯދުމަށްޓަކައި، ކޭކު އެޅުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި މަދަދުވެރިންތަކެއް ގުޅިގެން އުފައްދާފައިވާ ޓީމެކެވެ.