ކުޅިވަރު

ސްޓީވަން ޖަރާޑް އެނބުރި ލިވަޕޫލަށް


ލިވަޕޫލްގެ ލެޖެންޑުންގެ ތެރޭގައި ހިމެނޭ ސްޓީވަން ޖަރާޑް އެލްބްގެ ޔޫތު ޓީމްގެ ކޯޗްކަމާ ހަވާލުވެއްޖެއެވެ. ކުޅުންތިއެއްގެ ގޮތުގައި ލިވަޕޫލަށް ގިނަ ކާމިޔާބީތަކެއް ހޯދަދީފައިވާ ސްޓީވަން ޖަރާޑް އެނބުރި ލިވަޕޫލަށް މިއައީ އެއް އަހަރު ދުވަހު އެމެރިކާ ލީގަށް ކުޅުމަށްފަހުއެވެ. 

2015 އަހަރު ލިވަޕޫލަށް ކުޅުން ހުއްޓާލުމަށްފަހު ޖަރާޑް އެމެރިކާ ލީގަށް ބަދަލުވީ ޕްރިމިއަރ ލީގުގެ އިތުރު ކްލަބަކަށް ކުޅެން ބޭނުންނުވުމުންނެވެ. ލިވަޕޫލް ޔޫތު ޑީމްގެ ކޯޗްކަމާ ހަވާލުވުމަށްފަހު ސްޓީވަން ޖަރާޑް ބުނީ އޭނާގެ ކެރިއާ ފެށު ތަނަށް އަލުން އަނބުރާ އާދެވުމުން ބޮޑު ހިތްހަމަ ޖެހުމެއް ލިބިއްޖެ ކަމަށާއި ލިވަޕޫލާ ވަކިވެވެން ނެތްކަމަށެވެ.

" މިއީ އަހަރެންގެ ކެރިއާގެ ފެށުން އައި ތަން. އަލުން އަނބުރާ މިއައީ ހަމަ އެތަނަށް. މިތަނުން އަނެއްކާވެސް އިތުރު ކަންތައްތައް ދަސްވެގެންދާނެ" ޖަރާޑް ބުންޏެވެ.

1998 ވަނަ އަހަރު ލިވަޕޫލަށް ކުޅެން ފެށި ސްޓީވަން ޖަރާޑް މިހާރު އަންނަނީ ޔޫއެފާ އޭ ލައިސެންސް ކޯޗިންގ ކޯޗް ފުރިހަމަ ކުރަމުންނެވެ. ޖަރާޑް ބުނީ އޭނާއަށް އެހެން ކްލަބްތަކުން ރަނގަޅު ހުށަހެޅުންތަކެއް ލިބުނު ކަމަށާއި، ނަމަވެސް ލިވަޕޫލުން އޭނާގެ ޙިދުމަތަށް ގޮވާލުމުން ފަހަތަށް ޖެހެވެން ނެތް ކަމަށެވެ. އުމުރުން 36 އަހަރުގެ ޖަރާޑށް ވަނި ލިވަޕޫލަށް 710 މެޗް ކުޅެދީ ނުވަ ޓްރޮފީއެއް އެކްލަބަށް ހޯދަދީފައެވެ. އަދި އިންގްލެންޑްގެވެސް ކެޕްޓަންކަން ކޮށްފައިވާ ޖަރާޑް ވަނީ ޤައުމީ ޖާޒީގައި 114 މެޗް ކުޅެފައެވެ.

 ކޯޗިންގެ ކެރިއާ ފެށުމަށް ތައްޔާރުވަމުންދާ ޖަރާޑަކީ މުސްތަޤްބަލުގައި އެކްލަބްގެ ކޯޗްކަން ކުރާނެ ފަރާތެއް ކަމަށް ލިވަޕޫލްގެ ސަޕޯޓަރުން ބުނެއެވެ.