ޚަބަރު

ހައުސިންގ މިނިސްޓަރު ކުރިނބީއާއި ނޮޅިވަރަމަށް ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ޙައިސިއްޔަތުން ހދ.އަތޮޅުގެ ރަށްތަކަށް ހައުސިންގ މިނިސްޓަރު ޑރ.މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު އެއަތޮޅު ކުރިނބީއާއި ނޮޅިވަރަމަށް ވަޑައިގެންފިއެވެ. 

މިނިސްޓަރުގެ މި ދަތުރުފުޅަކީ ހދ. އަތޮޅުގެ ރަށްތަކުގައި ސަރުކާރުން ހިންގަވާ ތަރައްޤީގެ އެކި މަޝްރޫޢުތައް ކުރިއަށްދާގޮތް ބައްލަވައި، ރައްޔިތުން ބޭނުންވާ ކަންތައްތައް އޮޅުންފިލުއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. 

ޑރ މުޢިއްޒު މިއަދު ވަނީ ހދ. ކުރިނބީއާއި ނޮޅިވަރަމުގެ ކައުންސިލް މެމްބަރުންނާއި، މި ދެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ އެދެރަށުގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު އޮޅުން ފިލުއްވާފައެވެ. އަދި ރައްޔިތުންގެ ފަރާތުން ހުށައަޅުއްވާ ޝަކުވާތަކާއި، ރައްޔިތުން ބޭނުންވާ ކަންކަމުގެ މަޢުލޫމާތުވެސް  މިނިސްޓަރުވަނީ އޮޅުން ފިލުއްވާފައެވެ. 

މި ދެރަށުގެ ރައްޔިތުންވެސް މައިގަނޑުގޮތެއްގައި ޙިއްސާކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި ރަގަނޅު ފެންވަރުގެ ފެނާއި ނަރުދަމާގެ ނިޒާމެއް ނެތުމާއި، ސިއްޙީ އާލަތްތައް މަދުވުމާއި، ބަނދަރުގެ ދަތިކަމާއި، ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން އަދި ކުނީގެ މައްސަލަ ހިމެނެއެވެ. މީގެއިތުރުން މަގުބައްތި ޖެހުމާއި، ކުޑަކުދިންނަށް ޚާއްސަ ޕާކެއް ނެތުމާއި، ބައެއް މުއައްސަސާތަކަށް ދިމާވެފައިވާ މުވައްޒަފުން މަދުވުމުގެ ކަންކަންވެސް ހިމެނެއެވެ. 

img:http://s1.psmnews.mv/images/660x400/14849907634387.jpg|ޑރ.މުޢިއްޒު މިއަދު ހދ.ކުރިނބީގައި - ފޮޓޯ: ޕީއެސްއެމް

ކުރިނބީއާއި  ނޮޅިވަރަމުގެ ކައުންސިލް މެމްބަރުންނާއެކު ވަކިވަކިން ބޭއްވި ބައްދަލުވުންތަކުގައި، ހައުސިންގ މިނިސްޓަރ ވަނީ ތަރައްޤީއާއި ގުޅުންހުރި މަޝްރޫޢުތައް ހިންގެވުމުގައި ސަރުކާރުން ގެންގުޅުއްވާ ވިސްނުންފުޅު ހިއްސާކުރައްވާފައެވެ. އަދި  ދަތުރުތަކުގެ އެންމެ ބޮޑު އެއް ބޭނުމަކީވެސް، ރައްޔިތުންގެ ޝުޢޫރުތަކާއި ރައްޔިތުންގެ ޝަކުވާތައް އަޑުއެހުންކަމަށާއި، ސަރުކާރުން ކުރައްވާ މަސައްކަތްތަކުގައި ކައުންސިލްތަކުގެ އެއްބާރުލުން ބޭނުންވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. މިދަތުރުތަކުގައި އެއްކުރެވޭ މަޢުލޫމާތުގެ އަލީގައި، ސަރުކާރުން ހިންގަވާ ތަފާތު މަޝްރޫޢުތައް ހަލުވި މިނެއްގައި ކުރިއަށްގެންދެވުމަށް އިތުރަށް މަސައްކަތް ކުރައްވާނެކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. 

ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ހައުސިންގ މިނިސްޓަރ މުޢިއްޒުގެ އަރިހުގައި، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަޙުމަދު ނިހާން ޙުސައިންމަނިކާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންވެސް ބައިވެރިވެ ވަޑައިގެންނަވައެވެ. މިދަތުރުފުޅުގައި މިއަދުވެސް ހދ. ގެ އިތުރު ރަށްތަކަށް ދަތުރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.