ޚަބަރު

ހުޅުމާލޭގެ ތަރައްޤީއާ ބެހޭގޮތުން ސަރވޭއެއް ކުރަނީ


ހުޅުމާލޭގެ ތަރައްޤީއަށް ކުރާ މަސައްކަތުގެ ފެންވަރު ރަގަޅުކުރުމުގެ ގޮތުން ސަރވޭއެއް ކުރުމަށް ނިންމަވާފައިވާކަމަށް އެޗްޑީސީއިން ބުނެފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީ އިން ބުނީ އެކުންފުނިން ހުޅުމާލޭގެ ތަރައްޤީއަށް ކުރާ މަސައްކަތުގެ ފެންވަރު ރަނގަޅުކޮށް ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަކީ މުހިއްމު ކަމެއްކަމަށެވެ.  އެގޮތުން ޚިދުމަތްތައް ހޯދާ ފަރާތްތަކުން އެ ޚިދުމަތާއިމެދު ދެކޭގޮތާއި، އެފަރާތްތަކުގެ ޚިޔާލު ހޯދުމަށް އެމް.އައި ކޮލެޖްއާއި ގުޅިގެން ދިރާސާކުރުމަށް ރާވާފައިވާކަމަށެވެ.

މިދިރާސާއަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށްޓަކައި މާދަމާއިން ފެށިގެން ހުޅުމާލޭގެ ގޯތި، ފްލެޓްތަކަށް އެޗްޑީސީ އާއި އެމް.އައި ކޮލެޖްގެ ފަރާތުން ޒިޔާރަތްކުރާނެއެވެ. މިކަމުގައި އެންމެހައި ފަރާތްތަކުން އެއްބާރުލުންދިނުމަށް އެޗްޑީސީއިން އެދެއެވެ.

2013 ވަނަ އަހަރު ހުޅުމާލޭގައި 30000 މީހުންގެ އާބަދީއެއް ދިރިއުޅެމުންދާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.  އަދި ދެވަނަ ފިޔަވަހީގެ ދަށުން 245 ހެކްޓަރުގެ ބިން ހިއްކާ އެތަން ތަރައްޤީކުރަމުންދަނީ އެއްލައްކަ މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެންނެވެ.