ޚަބަރު

ކުނި މެނޭޖުކުރުމަށް، އެންމެ މުހިންމީ ފަރުދީ ޒިންމާ - ޠާރިޤް


ރައްކާތެރިގޮތުގައި ކުނި މެނޭޖުކުރުމާއި ކުނި ނައްތާލުމުގައި އެންމެހައި ރައްޔިތުންވެސް ފަރުދީ ޒިންމާ އަދާކުރެއްވުމަށް އެންވަޔަރމެންޓް މިނިސްޓަރު ޠާރިޤް އިބްރާހީމް އިލްތިމާސްކުރައްވައިފިއެވެ.

އެންޔަރމަންޓް މިނިސްޓަރު މިހެން ވިދާޅުވީ މާލެތެރެ ސާފުކުރުމުގެ ގޮތުން "ހޭވައްލާ ސާފުކުރަމާ" މިނަމުގައި ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން މިއަދު ހެނދުނު ފެށި ހާއްޞަ ޙަރަކާތް ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ޠާރިޤް  ވިދާޅުވީ މާލެއާއި ރާއްޖޭގެ އަތޮޅުތަކުގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރު ޤާއިމްކުރެއްވުމަކީ ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތެއް ކަމަށެވެ. އަދި ކުނިމެނޭޖް ކުރުމުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ކުރިއަށް ގެންދަވާ މަސައްކަތްތަކުގައި ޢާންމު ފަރުދުންނާއި ސަރުކާރުގެ މުއައްސަސާތަކުން އެއްބާރުލުން ދެއްވުމަށް ވެސް  މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

މި ޙަރަކާތުގައި މިނިވަން މުއައްސަސާތަކާއި، ސަރުކާރު ޙިއްސާވާ ކުންފުނިތަކާއި، ސްކޫލުތަކާއި ކޮލެޖުތަކުން 1200 އަށްވުރެ ގިނަ މުވައްޒަފުންނާއި ކުދިން ބައިވެރިވެއެވެ.

މިފަދަ ބޮޑު ޙަރަކާތެއް އިންތިޒާމު ކުރުމުގެ މައިގަޑު މަޤްޞަދަކީ މަގުތަކާއި ޢާއްމު ތަންތަނަށް ކުނި އެޅުމުގެ އާދަ ހުއްޓުވުމުގައި ފަރުދީ ޒިންމާއެއް އޮތްކަން ހަނދާން ކޮށްދީ، އެންމެން ދިރިއުޅޭ ވެއްޓަކީ ސާފު ތަނެއްގެ ގޮތުގައި ބޭއްވުމަށްޓަކައި ކޮންމެ މީހަކަށްވެސް ކުރެވެންހުރި ކަންތައްތަކަށް ހޭލުންތެރިކުރުވުންކަމަށް މީރާއިން ވިދާޅުވެއެވެ.

މިއަދު މެންދުރާހަމައަށް ކުރިއަށް ގެންދާ މި ޙަރަކާތުގައި މާލޭގެ އެކި ސަރަޙައްދުތައް ސާފުކުރާނެ ކަމަށް މީރާއިން ވިދާޅުވެއެވެ.