ޚަބަރު

އެމެރިކާގެ 45 ވަނަ ރައީސް ޑޮނާލްޑް ޓްރަމްޕް


ނަވާރަސަތޭކަ ސާޅީސް ހަވަނަ އަހަރުގެ ޖުލައިމަހުގެ ސާދަ ވަނަ ދުވަހު އުފަންވެވަޑައިގެންނެވި ޑޮނަލްޑް ޖޯން ޓްރަމްޕަކީ ހޮލީވުޑްގެ ފިލްމް ތަކާ ޓީވީ ޝޯތައް ބައްލަވާ ފަރާތްތަކަށް އާމޫނެއްނޫނެވެ.

ނަމަވެސް އޭނާ ބޮޑަށް މަޝްހޫރު ވެވަޑައިގެންފައިވަނީ އޭނާގެ ވިޔަފާރީގެ ސަބަބުންނެވެ. މުޅި ދުނިޔެއަށް މިހާރު މަޝްހޫރުވެފައިވާ ޓްރަމްޕް އޮގަނައިޒޭޝަންގެ ހިންގެވުމުގެ ހުރިހާ ޒިންމާއެއް އަދާކުރައްވަމުން ގެންދެވީ ޓްރަމްޕެވެ.

ދަތި އަދި ނާކާމިޔާބު އަހަރުތަކެއް މީގެ ކުރިން ކަޑައްތު ކުރެއްވި ނަމަވެސް ޓްރަމްޕް އޮގަނައިޒޭޝަނަކީ މިހާރު ދުނިޔޭގެ ކާމިޔާބު މަލްޓި ބިލިއަން ކުންފުނިތަކުގެ ތެރޭގައި ގުނާލެވޭ ކުންފުންޏެކެވެ. ޔުނިވަސިޓީ އޮފް ޕެންސިލްވޭނިއާ އިން އިކޮނޮމިކްސްގެ ދާއިރާއިން ކިޔަވާ ވިދާޅުވި ޑޮނަލްޑް ޓްރަމްޕް ނަވާރަ ސަތޭކަ އަށްޑިހަ ވަނަ އަހަރުގެ ފަހުކޮޅާ ޖެހެންދެން ހުންނެވީ ޑިމޮކްރެޓިކް ޕާޓީގެ މެމްބަރެއްގެ ގޮތުގައެވެ.

ނަމަވެސް އޭގެ ފަހުން އޭނާގެ ވިސްނުންފުޅު ބަދަލު ކުރައްވާ އޭނާ ވަނީ ރިޕަބްލިކަން ޕާޓީއާ ގުޅިވަޑައިގެންފައެވެ. ސިޔާސީ ގިނަ ކަންކަމުގައި ފާޑު ވިދާޅުވާ ޓްރަމްޕްއަކީ މީގެ ކުރިން ދުވަހަކު ވެސް އިންތިޚާބެއްގައި ވާދަކުރައްވާ އިންތިޚާބެއް ކާމިޔާބު ކުރެއްވި ބޭފުޅެއް ނޫނެވެ.

img:http://s1.psmnews.mv/images/660x400/14769514751195.jpg|ހިލަރީ އާއި ޓްރަމްޕް، ކެންޑިޑޭޓުންގެ ބަހުސްގައި /

އެހެންކަމުން ޓްރަމްޕް ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވުމުން ގިނަ ބަޔަކަށް ލިބުނީ ޝޮކެކެވެ. އަދި ގިނަ ބަޔަކު އެކަން މާ ސީރިއަސް ކަމެއްގެ ގޮތުގައި ނަގާފައެއް ވެސް ނުވެއެވެ. ނަމަވެސް ޓްރަމްޕް ވަނީ ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާ ގިނަ ރިކޯޑް ތަކެއް ހައްދަވާފައެވެ. އެގޮތުން އޭނާ ޕްރައިމަރީ ކާމިޔާބު ކުރެއްވީ އޭނާއާ ވާދަ ކުރެއްވި ސޯޅަ ކެންޑިޑޭޓުން ބަލިކުރައްވާފައެވެ. މިއީ މިހާ ގިނަ އަދަދެއްގެ ކެނޑިޑޭޓުން އެޕާޓީގެ ޕްރައިމަރީގައި ވާދަކުރެއްވި ފުރަތަމަ ފަހަރެވެ. އަދި ރިޕަބްލިކަން ޕާޓީގެ ތާރީޚުގައި ވެސް އެންމެ ގިނަ ވޯޓް ހޯއްދަވާ ޕްރައިމަރީއެއް ކާމިޔާބު ކުރެއްވި ބޭފުޅަކަށް ޓްރަމްޕް ވެވަޑައިގެންނެވިއެވެ.

ޕްރައިމަރީ ކާމިޔާބު ކުރައްވާ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ޓިކެޓް ހޯއްދެވި ނަމަވެސް ޓްރަމްޕްގެ ކެމްޕެއިން ވެފައިވަނީ ވަރަށް ތަފާތު ކެމްޕެއިނަކަށެވެ. ޚާއްސަކޮށް އޭނާގެ ސިޔާސަތުތަކާ ގެންގުޅުއްވާ ހަރުކަށި ގޮތްތަކުގެ ސަބަބުން އޭނާއަށް ވަނީ ގިނަ ބަޔެއްގެ ފާޑު ކިޔުން އަމާޒުވެފައެވެ.

އަދި އަމިއްލަ ޕާޓީގެ ބައެއް އިސް ބޭފުޅުން ވެސް ވަނީ ޓްރަމްޕަށް ތާއީދު ނުކުރައްވާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް ކެމްޕެއިންގެ ފަހު ދުވަސްކޮޅު ރިޕަބްލިކަން ޕާޓީގެ ބައެއް އިސް ބޭފުޅުންވަނީ ވިސްނުން ބަދަލުކުރައްވާ ޓްރަމްޕަށް ތާއީދުކުރެއްވުމަށް ނިންމަވާފައެވެ.

img:http://s1.psmnews.mv/images/660x400/14786860058059.jpg|އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު ޓްރަމްޕް އާއްމުންނާއި ބައްދަލުކުރައްވަނީ

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓް ގުނަމުން ދިޔައިރު ވެސް ގިނަ ބަޔަކަށް ޤަބޫލު ކުރެވިފައިވަނީ އިންތިޚާބު ކާމިޔާބު ކުރައްވާނީ ޓްރަމްޕާ ވާދަކުރެއްވި ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓް ހިލަރީ ކްލިންޓަން ކަމަށެވެ.

އިންތިޚާބުގެ ކުރިން ނެގި ހުރިހާ ހިޔާލު ހޯދުމުގެ ވޯޓުތަކުން ދެއްކި ގޮތުގައި ވެސް އިންތިޚާބު ކާމިޔާބު ކުރައްވާނީ ހިލަރީ ކްލިންޓަންއެވެ. ނަމަވެސް އިންތިޚާބުގެ ވޯޓްލުން ނިމި، ވޯޓް ގުނަމުން ދިޔަ ވަރަކަށް އެންމެންނަށް ވެސް ލިބުނީ ވަރަށް ބޮޑު ހައިރާން ކަމެކެވެ. ކުރިން ހީކުރެވުނު ގޮތާ ހިލާފަށް، ހޯއްދަވަން ޖެހޭ ދުއިސައްތަ ހަތްދިހަ އިލެކްޓޯރަލް ވޯޓް ހޯއްދަވާ އިންތިޚާބު ކާމިޔާބު ކުރެއްވީ ޑޮނަލްޑް ޓްރަމްޕެވެ.

މިރޭ އެމެރިކާގެ ރައީސްކަމުގެ ހުވާކުރެއްވުމަށްފަހު، ޓްރަމްޕްވަނީ މިއީ އެޤައުމުގެ ރައްޔިތުންގެ ހިނދުކޮޅެއް ކަމަށް ވިދާޅުވެފައެވެ. އަދި އޭނާގެ ރިޔާސަތުގައި ރައްޔިތުން ބާރުވެރިވެގެން ދާނެކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ހުވާކުރެއްވީ އެމެރިކާގެ ވެރިރަށް ވޮޝިންގްޓަނުގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައެވެ. ޓްރަމްޕަކީ އެޤައުމުގެ ސާޅީސް ފަސްވަނަ ރައީސެވެެ.