ޚަބަރު

ތިނަދުއިން އަލަށް ހިއްކި ބިމުން ޓޫރިޒަމަށް ބިން ދޫކުރަނީ


އަލަށް ހިއްކި ސަރަޙައްދުން ލޯކަލް ޓޫރިޒަމަށް ބިން ދޫކުރުމަށް ގދ. ތިނަދޫ ކައުންސިލުން ނިންމަވައިފިއެވެ.

ތިނަދޫގެ ބިން ހިއްކުމަށް ހިންގި މަޝްރޫޢު ނިމުނުއިރު އެރަށުގެ ބިމުގެ ބޮޑުމިނަކީ ސަތޭކަ ހަތްދިހަ ފަސް ހެކްޓަރެވެ.  އެންމެ ފަހުން ތިނަދޫގެ ބިންހިއްކުމަށް ހިންގި މަޝްރޫޢުގައި ވަނީ އެރަށުގެ ދެކުނު ފަރާތުން ހަތަރު ހެކްޓަރު، އަދި އުތުރު ފަރާތުން ފަންސާސް އެއް ހެކްޓަރުގެ ބިން ހިއްކާފައެވެ.

ހުވަދު އަތޮޅު ހިމެނޭ ސަރަހައްދަކީ ޓޫރިޒަމްގެ ހިއްސާވެސް ބޮޑު ސަރަޙައްދަކަށްވުމާއެކު ތިނަދޫ އަލަށް ހިއްކި ސަރަހައްދުގެ ލޭންޑް ޔޫސް ޕްލޭން އެކުލައްވާލާއިރު ލޯކަލް ޓޫރިޒަމަށް އިސްކަންދެއްވައިގެން ބިންތައް ޕްލޭންކުރައްވާނެމަށް ތިނަދޫ ކައުންސިލް މެންބަރު ސަޢުދު އަލީ ވިދާޅުވިއެވެ.

7500 މީހުންނަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ތިނަދޫގެ ތަރައްޤީއަށް ސަރުކާރުން ގިނަ މަޝްރޫއުތަކެއް ގެންދަވަނީ ހިންގަވަމުންނެވެ. މިގޮތުން މިއުޒިއަމް ޕާކަކާއި އިސްލާމީ މަރުކަޒެއް ޤާއިމުރެއްވުމުގެ މަސައްކަތް ތިނަދޫގައި އަންނަނީ ކުރައްވަމުންނެވެ.