ޚަބަރު

މިއަހަރު އަލަށް 22 ޔޫތް ސެންޓަރެއް ޤާއިމްކުރެވޭނެ- ޔޫތް މިނިސްޓަރ


ޒުވާނުންނަށް ތަފާތު ދާއިރާތަކުން ތަރައްޤީގެ ފުރުޞަތު ފުޅާދާއިރާއެއްގައި ހޯއްދަވާދެއްވުމަކީ ސަރުކާރުގެ އަމާޒެކެވެ.

ޒުވާނުންނަށް ބޭނުންވާ ހުނަރާއި ޤާބިލްކަން އަށަގަންނުވާ، ޒުވާނުންނާއި ގުޅޭ ހަރަކާތްތެރި، އެކުވެރި މާޙައުލެއް ޤާއިމުކޮށްދެއްވުމުގެ ބޭނުމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ޒުވާނުންގެ މަރުކަޒުތަކެއް ޤާއިމްކުރައްވާފައެވެ. މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 46 ޒުވާނުންގެ މަރުކަޒު ހުރެއެވެ.

ޒުވާނުންގެ މަރުކަޒުތައް ހިންގެވުން ހަރުދަނާކުރެއްވުމާ ގުޅޭގޮތުން ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ ޒުވާނުންގެ މަރުކަޒުތައް ތަރައްޤީކުރެއްވުމުގެ މަސައްކަތުގެ ތެރެއިން މިއަހަރުގެތެރޭގައި އިތުރު 22 ޒުވާނުންގެ މަރުކަޒު ހެއްދެވުމުގެ މަސައްކަތްތަކެއް ކުރައްވާނެކަމަށެވެ. އަދި މިހާރު ހުރި ތަންތަނުގެ ތެރެއިން މަރާމާތުކުރަންޖެހޭ ތަންތަން ޕީއެސްއައިޕީ ޕްރޮޖެކްޓްގެ ތެރެއިން ކުރައްވަމުންގެންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކުރިއަށްއޮތްތަނުގައި ޒުވާނުންގެ މަރުކަޒުތައް ހިންގެވުމަށް ވިސްނަނީ އެތަންތަނުން އާމްދަނީ ލިބޭނެފަދަ ގޮތަކަށް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ކުރިއަށްއޮތްތާނގައި ޒުވާނުންގެ މަރުކަޒުތަކަކީ ރެވެނިއު ޖެނެރޭޓްކުރެވޭނެ ތަންތަނުގެ ގޮތުގައި ތަރައްޤީކުރުމަށް. މިގޮތުން ޒުވާނުންނަށް ބޭނުންވާނެ ޚިދުމަތްތައް ޤާއިމުކޮށްގެން އެތަންތަން ހިންގުމަށް، މިގޮތުން ކެފޭފަދަ ޒުވާނުންނަށް ބޭނުންވާނެ ތަންތަން ހިންގާގޮތަށް." މިނިސްޓަރ ވިދާޅުވިއެވެ.

ޒުވާނުންގެ މަރުކަޒުތަކަށް ބޭނުންވާ ވަޞީލަތްތައް ޤާއިމްކޮށްދެއްވުމުގެ މަސައްކަތުގެ ތެރެއިން މިހާރުވެސް ހިނގަމުންދާ ޒުވާނުންގެ މަރުކަޒުތަކުގެ އިކުއިޕްމަންޓްސް އާކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް ޔޫތް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. މިގޮތުން މިހާރުވެސް 15 ރަށެއްގައި ޖިމް އިކުއިޕްމަންޓްސް ހޯދުމުގެ މަސައްކަތްކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ބޭރުގެ އެކި ފަރާތްތަކާއި ގުޅިގެން އިކުއިޕްމަންޓްސް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ޔޫތް މިނިސްޓްރީން ވިދާޅުވެއެވެ.