ތަރައްްޤީ

އިޤްތިޞާދީ ތަރައްޤީގައި އިންޑިޔާގެ ޙިއްސާ ބޮޑު - ޝައިނީ


ފާއިތުވި ތިރީސް އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއިން ހޯދާފައިވާ އިޤްތިޞާދީ އަދި ޢުމްރާނީ ތަރައްޤީގެ އެންމެ ބޮޑު އަސްލަކީ އިންޑިޔާގެ އިންވެސްޓްމަންޓްތައް ކަމަށް ފިޝަރީސް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މިހާރު ކުރިއަށްދާ ރައިސާނާ ޑައިލޮގުގައި ތަޤްރީރު ކުރައްވަމުން މިނިސްޓަރ ޝައިނީ ވިދާޅުވީ ދިވެހިރާއްޖެއިން އަބަދުވެސް ބޭރުގެ އިންވެސްޓްމަންޓްތަކަށް މަރުޙަބާ ކިޔާނެކަމަށާ ޚާއްސަ އިސްކަމެއް އިންޑިއާގެ އިންވެސްޓަރުންނަށް ދެއްވާނެ ކަމަށެވެ. މިނިސްޓަރު ޝައިނީ ވިދާޅުވީ ބޮޑެތި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ސަރުކާރުން ރާއްވަވާފައިވާ ކަމަށާ، އެމަޝްރޫޢުތައް ކާމިޔާބުކަމާއެކު ނިންމެވޭނީ ބޭރުގެ އިންވެސްޓަރުންގެ އެހީތެރިކަމާއެކު ކަމަށެވެ.

ދިވެހިރާއްޖެއަކީ ބޭރުގެ އިންވެސްޓަރުންނަށް ފަހި މާޙައުލެއް އޮތް ޤައުމެއް ކަމަށާ އިންވެސްޓްމަންޓުތަކުގެ ފައިދާ ކުރު މުއްދަތެއްގެ ތެރޭގައި ފެނިގެންދާނެ ޤައުމެއް ކަމަށް ވެސް މިނިސްޓަރު ޝައިނީ ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ބޭރުގެ ސަރުކާރުތަކާ ކުންފުނިތަކުގެ ޝައުޤުވެރިކަން އަބަދުވެސް ދިވެހިރާއްޖެއަށް ލިބެމުންދާކަމަށް ވެސް މިނިސްޓަރ ޝައިނީގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގައި އިންވެސްޓަރުންނަށް ފަހި މާޙައުލަކާ އިންވެސްޓަރުންގެ ޝަޢުޤުވެރިކަން ދެމެހެއްޓުމަށްޓަކާ އިންޑިޔާ ކަނޑުގައި ޞުލްހައާއި ހަމަޖެހުން އޮތުން މުހިއްމު ކަމަށް މިނިސްޓަރު ޝައިނީ ވިދާޅުވިއެވެ. ކޮންމެ އަހަރަކު ވެސް ބާއްވަމުންދާ ރައިސާނާ ޑައިލޮގަކީ އިންޑިއާގެ އިންޓަރނަލް މިނިސްޓްރީގެ ފަރާތުން ބާއްވަމުންދާ ބައްދަލުވުމެކެވެ.