ޚަބަރު

ރާއްޖެއާއި މެލޭޝިޔާގެ ފޮރިން މިނިސްޓަރުން ބައްދަލުކުރައްވައިފި


ފޮރިން މިނިސްޓަރު ޑރ. މުޙައްމަދު އާސިމް މެލޭޝިޔާގެ ފޮރިން މިނިސްޓަރު އަނީފާ އަމާންއާ ބައްދަލުކުރައްވައިފިއެވެ.

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯ.އައި.ސީ.ގެ ޚާއްސަ ބައްދަލުވުމެއްގައި ބައިވެރިވަޑައިގަތުމަށް މެލޭޝިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެޤައުމުގެ ފޮރިން މިނިސްޓަރާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު އާސިމް ވިދާޅުވީ ދެޤައުމުގެ ދެމެދުގައި އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށާ އެކި ރޮނގުތަކުން މެލޭޝިއާ އިން ދިވެހިރާއްޖެއަށް ދެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާކަމަށެވެ.

ދިވެހިރާއްޖެއާއި މެލޭޝިޔާއާ ދެމެދު އޮންނަ ވިޔަފާރިއާއި އިޤްތިޞާދީ ގުޅުމަށް އަލިއަޅުއްވާލައްވަމުން، މިނިސްޓަރު އާސިމް ވަނީ ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުޞަތުތަކާ ގުޅޭގޮތުން މެލޭޝިޔާގެ ފޮރިން މިނިސްޓަރާ މަޝްވަރާ ކުރައްވާފައެވެ.

މެލޭޝިޔާގެ ފޮރިން މިނިސްޓަރުގެ ވާހަކަފުޅުގައި އޭނާ ވަނީ ދިވެހިރާއްޖެއާއެކު އޮތީ ވަރަށް ގާތް އަޚުވަންތަ ގުޅުމެއް ކަމަށާ އެޤައުމުން ދިވެހިންނަށް އަބަދުވެސް މަރުޙަބާ ކިޔާނެ ކަމަށް ވިދާޅުވެފައެވެ.

މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރުގައި ބޭއްވި މިބައްދަލުވުމުގައި ދިވެހިރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުޙައްމަދު ފަހުމީ ޙަސަން ވެސް ބައިވެރިވަޑައިގެންފައިވެއެވެ.