ޚަބަރު

"މިދިޔަ އަހަރު 20000 އަށްވުރެ ގިނަ މައްސަލަ ކޯޓުތަކުން ނިންމެވި"


2016 ވަނައަހަރު ވެގެން ގޮސްފައިވަނީ ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގެ ހިންގެވުން ހަރުދަނާކުރައްވައި، މައްސަލަތައް ނިންމަވާ ނިސްބަތް އިތުރުކުރެއްވުމަށް އަމާޒުތަކެއް ކަނޑައަޅުއްވައި ކާމިޔާބީ ތަކެއް ޙާޞިލްކުރެއްވި އަހަރަކަށެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން ޝަރުޢީ ކޯޓުތަކުގެ ކޭސް ކްލިއަރެންސް ރޭޓް ހުރީ 103 އިންސައްތައިގައެވެ. މިކަމުން ދޭހަކޮށްދެނީ ޝަރުޢީ ކޯޓުތަކަށް ވޭތުވެދިޔަ އަހަރު ހުށައެޅުނު މައްސަލަތަކާ އަޅާބަލާއިރު މައްސަލަތައް ނިންމެވި ޢަދަދު އިތުރުކަމެވެ.

2016 ވަނައަހަރަކީ ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާގެ ތާރީޚުގައި އެންމެ ގިނަ މައްސަލަ ހުށައެޅި ނިންމެވި އަހަރުކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވެއެވެ. އެގޮތުން ވޭތުވެދިޔަ އަހަރު 20116 މައްސަލަ ވަނީ ޝަރުޢީ ކޯޓުތަކަށް ހުށައަޅާފައެވެ. މިއީ 2404 އިތުރު ޢަދަދެކެވެ. ޝަރުޢީ ކޯޓުތަކުން 2016 ވަނައަހަރުގެ ތެރޭގައި ނިންމެވި މައްސަލަ ތަކުގެ ޢަދަދުވެސް 20 ހާހަށްވުރެ މައްޗަށް އަރާފައިވާކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވެއެވެ. މިއީ ޝަރުޢީ ދާޢިރާގެ ތާރީޚުގައި ރެކޯޑް ޢަދަދެކެވެ.

ވޭތުވެދިޔަ އަހަރުގެ ތެރޭގައި ދަށު ކޯޓުތަކުން ވަނީ 20678 މައްސަލަ ނިންމަވައި ޙުކުމް ކުރައްވާފައެވެ. މިއީ 2016 ވަނަ އަހަރުގެ ތެރޭގައި ހުށައެޅުނު މައްސަލަތަކަށްވުރެ 562 މައްސަލަ އިތުރު ޢަދަދެކެވެ.

ޝަރުޢީ ކޯޓުތަކަށް ހުށައެޅޭ މައްސަލަތައް އިތުރުވެގެންދާ ދިއުމަކީ ޝަރުޢީ ދާއިރާގެ ތަޞައްވުރު ޢާންމުންގެ މެދުގައި ރަނގަޅުވަމުން އަންނަކަން ދޭހަވާ ކަމެއްކަމަށާއި، ޢަދުލު އިންޞާފަށް އެދި ޝަރުޢީ ކޯޓްތަކަށް ހުށައަޅާ މިންވަރު އިތުރުވުމަކީ ޝަރުޢީ ދާއިރާއަށް ލިބިގެންދާ ކާމިޔާބީއެއްކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވެއެވެ.

ޝަރުޢީ ކޯޓްތަކުގެ މައްސަލަތައް ނިންމަވާ ނިސްބަތް ކުރިއަށްވުރެ އެތައް ގުނައެއް އިތުރުވެފައިވަނީ ޝަރުޢީ ކޯޓުތަކުގެ ހިންގެވުން އިތުރަށް ހަރުދަނާ ކުރައްވައި އަވަސް ކުރެއްވުމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސަޢީދުގެ އިސްނެންގެވުމުގެ މަތިން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ ސަބަބުންކަމަށް ޑީ.ޖޭ.އޭއިން ފާހަގަކުރައްވައެވެ.