ވިޔަފާރި

އުމަރު ޝޮޕިންގ އާރކޭޑް ހުޅުވަން ތައްޔާރުވަނީ


އުމަރު ޝޮޕިންގ އާރކޭޑްގެ އައު ޢިމާރާތް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭ ހުޅުވުމަށް ހަމަޖެހިފައިވާކަމަށް އެސްޓީއޯއިން ހާމަކޮށްފިއެވެ.

މި ޢިމާރާތުގެ ފުރަތަމަ ތިންބުރީގައި ޒަމާނީ ފެންވަރުގެ އިލެކްޓްރިކް ޝޯރޫމެއް އެސްޓީއޯގެ ފަރާތުން ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެސްޓީއޯ އިލެކްޓްރިކް ޝޯރޫމް ކުރިއަށް އޮތް ދެމަހުގެ ތެރޭގައި ހުޅުވާނެ ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރު ވިދާޅުވިއެވެ. އަދި އެތަނުގައި ފަސޭހަކަމާއެކު ވިޔަފާރިކުރެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށްވެސް ޝަހީރު ވިދާޅުވިއެވެ.

"ކުރިއަށް މިއޮތް ގާތްގަނޑަކަށް މަހެއްހާ ދުވަސްތެރޭ އެތަން ހުޅުވިގެންދާނެ، ތިރި ނުނިމުނު ކަމުގައިވިޔަސް، އެކޮޅަށް އަންނަ ބައެއް އޮފީސްތައް މައްޗަށް މޫވްވަމުންދަނީ، ޕެންޝަން އޮފީހާއި އެލައިޑު އިންޝުއަރެންސް އެ ޢިމާރާތަށް ބަދަލުވުމަށް ވަނީ ހަމަޖެހިފައި. ފެބްރުއަރީ ހިސާބު އެލައިޑް އިންޝުއަރެންސްގެ ބައެއް ޚިދުމަތްތައް އުމަރު ޝޮޕިންގ އާރުކޭޑުން ދޭން ފަށާނެ. ތިރީ ތިން ފްލޯއަކީ އެސްޓީއޯ އިލެކްޓްރިކް ޝޯރޫމް. އިލެކްޓްރޯނިކް ޝޯރޫމްވެސް ކުރިއަށް މިއޮތް ދެމަހެއްހާ ދުވަސްތެރޭ މުޅިން ނިންމާ ހުޅުވޭ ވަރު ވާނެ،" ޝަހީރު ވިދާޅުވިއެވެ.

ކުރިންވެސް އެސްޓީއޯގެ އިލެކްޓްރޯނިކް ވިޔަފާރިކުރަމުން އައީ ޢުމަރު ޝޮޕިންގ އާރކޭޑު ބިލްޑިންގްގައެވެ. ކުރިން ހުރި އުމަރު ޝޮޕިންގ އާރކޭޑްގެ ޢިމާރާތް ތަޅާލައި ދިހަބުރީގެ ޢިމާރާތެއް ބިނާކުރުމަށްޓަކައި އިލެކްޓްރޯނިކް ސާމާނު ވިއްކުން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓަށް ވަނީ ބަދަލުކޮށްފައެވެ.