ޚަބަރު

"އިސްލާމީ ދަޢުވަތަކީ ޙައްޤާއި ހަމަހަމަކަމާއި ޢަދުލުވެރިކަން"


އިސްލާމްދީނުގެ ދަޢުވަތަކީ މެދުމިނުގައި ހިފުމާއި ޙައްޤާއި ހަމަހަމަކަމާއި ޢަދުލުވެރިކަން ފެތުރުން ކަމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަބްދުއްﷲ ސަޢީދު ވިދާޅުވެއްޖެއެވެ. 

އުއްތަމަފަނޑިޔާރު މިހެން ވިދާޅުވީ ޢިލްމުވެރިންގެ 4 ވަނަ މަހާސިންތާ ފެއްޓެވުމަށް މިރޭ ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. 

އިލްމުވެރިންގެ ހަތަރުވަނަ މަހާސިންތާ ފެއްޓެވުމަށް އިސްލާމީ މަރުކަޒުގައި ބޭއްވެވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަބްދުﷲ ސަޢީދެވެ. 

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ މި މަހާސިންތާ ބާއްވަވަނީ އިސްލާމީ ޝަރީޢާތުގެ ފުރިހަމަކަން ހާމަކޮށްދިނުމަށް ޢިލްމީ ގޮތުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހިފައިވާ ދަނޑިވަޅެއްގައިގައި ކަމަށެވެ. އިސްލާމްދީނުގެ އެންމެ ޚާއްޞަ އެއް ސިފައަކީ މުޅި އިންސާނިއްޔަތުގެ ހެވާއި ލާބައަށްޓަކައި، އަމަންއަމާންކަމާއި  ޞުލްޙަމަސަލަސްކަމާއި އެހީތެރިކަމާއި އެއްބާރުލުން ދިނުންކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. 

img:http://s4.psmnews.mv/images/660x400/14848568539967.jpg|އިލްމުވެރިންގެ 4 ވަނަ މަހާސިންތާ ފެއްޓެވުމަށް އިސްލާމީ މަރުކަޒުގައި ބޭއްވެވި ޖަލްސާ - ފޮޓޯ: ޕީއެސްއެމް

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވިދާޅުވީ ދީނީ ޚިޔާލުތަފާތުވުން ތަކަކީ އޭގެ ސަބަބުން ބައިބައިވުން އުފެދެން މެދުވެރިވާންޖެހޭ ސަބަބެއްނޫންކަމަށެވެ. އަދި ޝަރުއީ މައްސަލަތަކުގައި ޚިޔާލުތަފާތުވުން ތަކަކީ ޤަދީމީ ޒަމާނުއްސުރެ، އޮތް ކަމެއް ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. 

މުޖުތަމަޢު ބިނާކުރުމުގައި ޢިލްމުވެރިންގެ ދައުރުގެ މުހިންމުކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ މިފަދަ ކަންކަމުގައި ޢިލްމުވެރިން ޢަމިއްލަފުޅު އިސްނެންގެވުމާއެކު މަސައްކަތްކުރައްވަންޖެހޭ ކަމަށެވެ.

މި ޙަފްލާގައި ވާހަކަފުޅުދައްކަވަމުން ސޫދާނުގެ ފަތުވާ މަޖިލީހުގެ ޗެއަރމަން ޑރ.އެސަމް އަޙްމަދު އަލް ބާޞިރާއި، ދެއްކެވި ވާހަކަގައި ދީނީ ޢިލްމު އުނގެނުމާއި އެކު އެ ޢިލްމަށް ޢަމަލުކުރުން މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ޢިލްމުވެރިންގެ މަސައްކަތްޕުޅުގައި މާތްﷲގެ ޙަޟްރަތަށް އިޚްލާސްތެރިވެ އިސްލާމްދީނުގެ ފުރިހަމަކަން މީސްތަކުންނަށް ބަޔާންކޮށްދިނުމަކީ ވާޖިބެއްކަމުގައި ވިދާޅުވިއެވެ. 

3 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މަހާސިންތާގައި އެކި ޤައުމުތަކުގެ ދީނީ ޢިލްމްވެރިންނާއި ރާއްޖޭގެ ދިނީ ޢިލްމުވެރިން ބައިވެރިވެވަޑައިގަންވައެވެ.