ޚަބަރު

"ހިރިމަރަދޫމީހުން އެހެން ރަށަކަށް ބަދަލުކުރުމުގެ ވިސްނުމެއްނެތް"


ހދ. ހިރިމަރަދޫގައި ދިރިއުޅޭ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރެއްވުމުގެ ވިސްނުންފުޅެއް ސަރުކާރުން ނުގެންގުޅުއްވާ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ޚައިސިއްޔަތުން ހދ. އަތޮޅުގެ ރަށްތަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ހިރިމަރަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. 

ހދ. ހިރިމަރަދޫއަކީ އާބާދީގައި ގާތްގަނޑަކަށް 560 އެއްހައި މީހުން ދިރިއުޅެމުން އަންނަ ބިމުގެ ގޮތުން ތަނަވަސް ރަށެކެވެ. އާބާދީ ކުޑަވުމާއެކު، ހިރިމަރަދޫވެފައި ވަނީ ކުރީގެ ސަރުކާރުންތަކުން މާބޮޑު އަޅާލުމެއް ދެއްވާފައިވާ ރަށެއްގެގޮތުގައި ނޫންކަން އެރަށުގައި ދިރިއުޅޭ ރައްޔިތުން ފާހަގަކުރެއެވެ. އެހެންކަމުން މިރަށުގައި ދިރިއުޅޭ ރައްޔިތުން އެހެން ރަށަކަށް ބަދަލުކޮށްފާނެކަމުގެ ބިރަކީ ހިރިމަރަދޫ ރައްޔިތުންގެ ކަންބޮޑުވުމެކެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ޙައިސިއްޔަތުން ހދ. އަތޮޅުގެ ރަށްތަކަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ހިރިމަރަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ ފަރާތުން ހުށައެޅުނު އެންމެ ބޮޑު ކަންބޮޑުވުމަކީވެސް އެރަށުގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުކޮށްފާނެކަމުގެ ޝަކުވާއެވެ.

ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހިރިމަރަދޫ ރައްޔިތުންނަށް އުފާވެރި ޚަބަރެއް ދެއްވާފައެވެ. އެގޮތުން ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުނުކުރައްވާނެކަމަށާއި، އެފަދަ ކަމެއް ކުރެއްވުމުގެ ވިސްނުންފުޅުވެސް ސަރުކާރުން ނުގެންގުޅުއްވާކަން އެމަނިކުފާނު ވަނީ ހިރިމަރަދޫގެ ރައްޔިތުންނާއި ހިއްސާކުރައްވާފައެވެ. ހައުސިންގ މިނިސްޓަރ ޑރ. މުޢިއްޒު ވިދާޅުވީ، ހިރިމަރަދޫއަކީ ކުޑަ އާބާދީއެއް ދިރިއުޅޭ ރަށަކަށްވީނަމަވެސް، ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގެވުމުގައާއި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ދެއްވުމުގައި ސަރުކާރުން އެއްވެސް ތަފާތުކުރެއްވުމެއް ނުގެންގުޅުއްވާކަމަށެވެ. އަދި ވަކިވަކި ރަށްރަށް ތަރައްޤީކުރެއްވުމުގައި އެރަށެއްގެ ކައުންސިލްގެ އެހީތެރިކަމާއި އެއްބާރުލުން ސަރުކާރަށް ބޭނުންވާކަން ފާހަގަކުރައްވާ، ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކާއި، ތަސައްވުރު، ހިރިމަރަދޫގެ ރައްޔިތުންނާއި އެމަނިކުފާނު ހިއްސާކުރައްވާފައިވެއެވެ. 

ޕީ.އެސް.އެމް ނިއުސްއާއި ވާހަކަދައްކަމުން ހިރިމަރަދޫ ރައްޔިތަކުބުނީ ފާއިތުވި 30 ހަކަށް އަހަރުގެ ތެރޭގައިވެސް ގެނެވިފައިނުވާވަރުގެ ތަރައްޤީގެ އަދުގެ ސަރުކާރުން މިވީ 3 އަހަރު ދުވަހުގެ ތެރޭގައި އެރަށަށް ގެނެސްދެއްވާފައިވާކަމަށެވެ. އަދި ސަރުކާރުގެ މި ނިންމެވުމާއެކު، ހިރިމަރަދޫގެ ތަރައްޤީއަށް ކުރެވޭ އުއްމީދުތައް ވަރަށްވެސް ފޮނިކަން އޭނާ ފާހަގަކުރިއެވެ.