ތަރައްްޤީ

" ތަރައްޤީގެ މަސައްކަތްތަކުގައި ގުޅިގެން މަސައްކަތްކުރަންޖެހޭ "


ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގައި ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރެއްވުމަށް ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ. 

ހައުސިންގ މިނިސްޓަރ މިކަމަށް އެދިވަޑައިގަތީ، ހދ.އަތޮޅަށް ކުރައްވާ ޚާއްސަ ދަތުރުފުޅެއްގައި އެއަތޮޅު ރަށްތަކަށް ވަޑައިގެން އެރަށްތަކުގެ ކައުންސިލް މެމްބަރުންނާއި މުއައްސަސާތަކުގެ އިސްވެރިންނާއިއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައެވެ. 

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ހދ.އަތޮޅަށް ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ފަސް ރަށަކަށް އެމަނިކުފާނު ވަނީ ވަޑައިގެންފައެވެ. އަދި އެރަށްރަށުގައި ހިންގަވާ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާގޮތް ބައްލަވައި، އެރަށްރަށުގެ ރައްޔިތުން ބޭނުންވާ ކަންތައްތައް މިނިސްޓަރ އޮޅުންފިލުއްވާލެއްވިއެވެ. ހައުސިންގ މިނިސްޓަރ ވަނީ އެރަށްރަށުގެ ކައުންސިލްތަކާއި ޒުވާނުންނާއިވެސް ބައްދަލުކުރައްވާފައެވެެ. މިބައްދަލުވުމުގައި ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ގެންގުޅޭ ތަޞައްވުރާއި ސަރުކާރުން ތަރައްޤީއަށްޓަކައި ކުރައްވަމުންގެންދަވާ މަސައްކަތްތައް ހިއްސާކުރައްވާފައިވެއެވެ. ރަށްރަށުގެ ތަރައްޤީއަށް މަސައްކަތް ކުރުމުގައި ސަރުކާރަށް ކައުންސިލްތަކުން ފުރިހަމަ އެއްބާރުލުން ބޭނުންވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. 

އަދި ކައުންސިލްތަކުން ވަނީ ރައްޔިތުން މިވަގުތަށް އެންމެ ބޭނުންވެފައިވާ ކަންކަން ރައީސްގެ ޚާއްސަ މަންދޫބުންނާއި ޚިއްސާކުރައްވާފައެވެ. މީގެ ތެރޭގައި ރަށްރަށުގެ ބަނދަރުގެ ދަތިކަމާއި ނަރުދަމާ ނިޒާމެއް ނެތުމާއި ޞިއްޙީ ދާއިރާގައި ދިމާވެފައިވާ ގޮންޖެހުންތައް ހިމެނެއެވެ. އެގޮތުން ބައެއް ރަށްރަށުންވަނީ އެރަށްރަށުގައި ލޯކަލް ޓޫރިޒަމް ތަރައްޤީކުރާނެ ގޮތްތަކާ ގުޅޭ ގޮތުންވެސް މަޝްވަރާކޮށްފައެވެ. 

މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ ވަކިވަކި ދާއިރާތައް ތަރައްޤީކުރުމަށް ރައްޔިތުންގެ މަޖިލިހުން ދެވެންހުރި ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުން ދެއްވާނެކަމުގައި ވިދާޅުވެފައެވެ. އަދި ސަރުކާރުން މަޝްރޫޢުތައް ހިންގަވަމުން ދަނީ އެއްވެސް އާބާދީއެއް ތަފާތުކުރުމެއްނެތިކަން އެމެމްބަރުން ފާހަގަކުރެއްވިއެވެ. މި ދަތުރުފުޅުގައި ހައުސިންގ މިނިސްޓަރ ޑރ.މުޙަންމަދު މުޢިއްޒުގެ އަރިހުގައި، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕާލަމެންޓްރީގްރޫޕުގެ ލީޑަރ އަޙުމަދު ނިހާން ޙުސައިންމަނިކުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންވެސް ބައިވެރިވެ ވަޑައިގެންނަވައެވެ. 

ހދ. އަތޮޅުގެ ރަށްތަކުގައި ސަރުކާރުން ހިންގަވާ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާގޮތް ބައްލަވައި، ރައްޔިތުން ބޭނުންވާ ކަންތައްތައް އޮޅުންފިލުއްވުމަށް ކުރައްވާ ދަތުރުފުޅެއްގައި ހައުސިންގ މިނިސްޓަރ ޑޮކްޓަރ މުޙައްމަދު މުއިއްޒު ޒިޔާރަތް ކުރެއްވިރަށްތަކުގެ ތެރޭގައި ހދ. ފިނޭ، ހިރިމަރަދޫ،ނައިވާދޫ، ނެއްލައިދޫގެ އިތުރުން ކުޅުދުއްފުށިހިމެނެއެވެ.