ޚަބަރު

" ރައްޔިތުންގެ އެންމެބޮޑު ޝައުޤުވެރިކަމެއް އޮތީ ޕީޕީއެމްއަށް "


ރާއްޖޭގެ ތަރައްޤީއާއި ޒުވާނުންގެ ކުރިއެރުމަށް މިސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ސަބަބުން މިވަގުތު ދިވެހިރައްޔިތުންގެ އެންމެބޮޑު ޝައުޤުވެރިކަމެއް އޮތް ޕާޓީއަކީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ކަމަށް އެޕާޓީގެ މުސްތަޝާރު އަދި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "މަވެސް ޕީޕީއެމް" މިނަމުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ޕީޕީއެމްގެ ޚާއްސަ ރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.  ޕީޕީއެމްއާ މުޅިން އަލަށް ގުޅުނު 150 މީހުންނަށް އިޝާރާތް ކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޤައުމުގެ ހަމަޖެހުމާއި، ޒުވާނުންގެ ކުރިއެރުމާއި، ތަރައްޤީއަށް މިސަރުކާރުން ކުރައްވާ މަސައްކަތް ރައްޔިތުން ބަލައިގެންފައިވާކަން ފެނިވަޑައިގަންނަވާކަމަށެވެ. ފަހަކަށް އައިސް ގިނަ ޢަދަދެއްގެ ޢާއްމު ރައްޔިތުން ޕީޕީއެމްއާ ގުޅެމުންދާދިއުމާއި، އޭގެތެރޭގައި އިދިކޮޅު އެހެން ޕާޓީތަކުގައި ކުރިން އުޅުނު ގިނަބަޔަކު ހިމެނޭކަމީ މިކަމުގެ ހެއްކެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ޤައުމުގައި ހަމަޖެހުން އޮތުމުގެ މުހިންމު ކަމުގެމައްޗަށް ބައްލަވާލައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސިޔާސީ ޙަރަކާތްތައް ހިންގަވަންވާނީ ސުލްވެރިކަމާއެކު، ހަމަޖެހުން އޮންނަ މާޙައުލެއްގައި ކަމަށެވެ. ޤައުމުގައި ހުރި އެކިއެކި މައްސަލަތައް ޙައްލުކުރުމަށް މަސައްކަތް ކުރަން ޖެހޭނީވެސް މި ހަމަޖެހުމާއި، އަމާންކަމުގެ ތެރޭގައިކަން ރައީސް ފާހަގަކުރެއްވިއެވެ.

ބޮޑެތި މައްސަލަތަކުގެ ތެރެއިން ކޮރަޕްޝަނުގެ ޙާލަތުގެމައްޗަށް އަލި އަޅުވާލައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ކޮރަޕްޝަނަކީ ރާއްޖޭގައި އެކަނިއޮތް މައްސަލައެއް ނޫންކަމަށާ، އެއީ ދުނިޔޭގެ ބޮޑެތި ޤައުމުތަކަށްވެސް ކުރިމަތިވެފައިވާ ބޮޑު މައްސަލައެއްކަމަށެވެ. އެހެންނަމަވެސް ތަފާތަކީ މިސަރުކާރުން މިމައްސަލަ ޙައްލު ކުރައްވަން މަސައްކަތް ކުރެއްވި މިންވަރަށް ރާއްޖޭގެ އެއްވެސް ސަރުކާރާކުން މީގެކުރިން މިމަސައްކަތް ކުރައްވާފައި ނުވާކަން ކަމުގައެވެ.

ރައީސް ޔާމީން ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު، ޕީޕީއެމްއަށް ކާމިޔާބުވުމަކީ ޤައުމީ ތަރައްޤީއަށްޓަކައި މުހިންމު ކަމެއްކަމަށް ވިދާޅުވެފައެވެ.

މިރޭގެ ހަފްލާގައި ޕީޕީއެމްއާ މުޅިން އަލަށް 150 މީހުން ގުޅިފައިވެއެވެ. މި އެންމެންގެ މެމްބަޝިޕްފޯމް ވަނީ މިރޭ ޕީޕީއެމްގެ މުސްތަޝާރު އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ. މި ރޭ އަލަށް ގުޅުނު މީހުންނާއެކު ވޭތުވެދިޔަ 10 ދުވަހުގެތެރޭގައި 470 މީހުން މުޅިން އަލަށް ޕީޕީއެމްއާ ގުޅިފައިވާކަމަށް އެޕާޓީން ހާމަކުރެއެވެ.