ސިޔާސީ

ރައީސް ޔާމީން 2018 - ދޮރުން ދޮރަށް ކެމްޕެއިން ފަށަނީ


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެވަނަ ދައުރަކަށް އިންތިޚާބު ކުރެއްވުމުގެ ގޮތުން އަންނަ ހޮނިހިރު ދުވަހު ޑޯ ޓު ޑޯ ކެމްޕެއިނެއް ފެއްޓެވުމަށް ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް އިސްނަންގަވައިގެން ފަށްޓަވާފައިވާ ކެމްޕެއިން ޙަރަކާތްތަކުގެ ތެރެއިން ޑޯ ޓު ޑޯ ކެމްޕެއިން އެންމެ ފުރަތަމަ ފެއްޓެވުމަށް ނިންމަވާފައި ވަނީ ހުޅުމާލެއިނެވެ. މިކަމަށްޓަކައި މިއަދު ހަވީރު މުލީއާގޭގައި ވަނީ ޚާއްސަ ބައްދަލުވުމެއް ވެސް ބާއްވަވާފައެވެ.

ރަޢީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ދެވަނަ ދައުރަކަށް އިންތިޚާބު ކުރެއްވުމުގެ ގޮތުން އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާޙިމް އިސްނަންގަވައިގެން ވަނީ ކެމްޕެއިން ހަރަކާތްތައް ރަސްމީކޮށް ފައްޓަވާފައެވެ. އަދި މާލެއާއި ވިލިމާލެއާއި ހުޅުމާލޭގައި ދިރިއުޅޭ ރާއްޖޭގެ އަށް އަތޮޅެއްގެ ރައްޔިތުންނާ ވެސް ބައްދަލުކުރައްވާފައެވެ.

މި ކެމްޕެއިން ޙަރަކާތުގެ ތެރެއިން ހުޅުމާލޭގައި ފައްޓަވާ ޑޯ ޓު ޑޯ ކެމްޕެއިންއާ ގުޅޭ ޚާއްސަ ބައްދަލުވުމެއް މުލީއާގޭގައިވަނީ ބާއްވާފައެވެ. މި ބައްދަލުވުމުގައި ސަރުކާރުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ކުންފުނިތަކުގެ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޑޯ ޓު ޑޯ ޙަރަކާތް ކުރިއަށް ގެންދާނެ ގޮތުގެ ޚިޔާލު އެކި ފަރާތްތަކުން ވަނީ ރައީސްގެ އަނބިކަނބަލުންނަށް އަރުވާފައެވެ.

މި ކެމްޕެއިން ޙަރަކާތްތަކުގައި އިސްކޮށް އުޅުއްވާ އިބްރާހީމް މުޢާޒް އަލީ ވިދާޅުވީ ޑޯ ޓު ޑޯ ކެމްޕެއިން ފެއްޓެވުމުގެ އެންމެ މުހިއްމު ބޭނުމަކީ ރައްޔިތުންގެ ޙާލަތު ގާތުން ބެލުންކަމަށެވެ. އަދި ރައްޔިތުންގެ ޝުޢޫރުތައް އޮޅުން ފިލުވާ ރައްޔިތުންނަށް އެންމެ ދަތިވާ ކަންކަން އޮޅުން ފިލުވުމަކީވެސް މި ޙަރަކާތުގެ މައިގަނޑު އެއް މަޤްސަދު ކަމަށެވެ.

"އެބޭފުޅުން {ކެމްޕެއިން ޓީމްގެ ބޭފުޅުން} ގޭގޭގައި ޓަކި ޖައްސަވާނެ. ރައްޔިތުންގެ ޙާލު އަހުވާލު އައްސަވާނެ. ރައްޔިތުންނަށް މިވަގުތު ދަތިވާ ކަންކަން، ބޭނުންވާ ކަންކަން އަދި ހުށަހަޅުއްވަން ބޭނުންވާ ކަންކަން ހުށަހެޅުމުގެ ފުރުޞަތު އޮންނާނެ،" މުއާޒްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މުއާޒް ވިދާޅުވީ ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބު ކުރެއްވުމުގެ ގޮތުން އެމަނިކުފާނުގެ އަނބިކަނބަލުން ފައްޓަވާފައިވާ ކެމްޕެއިން ޙަރަކާތްތައް މުޅި ރާއްޖެއަށް ފުޅާ ކުރައްވާނެ ކަމަށެވެ. އެގޮތުން މިވަގުތު މާލެ ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ގާތަށް ކެމްޕެއިން ޓީމުގެ ބޭފުޅުން ވަޑައިގެންނެވި ނަމަވެސް ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވާނެ ކަމަށް މުއާޒްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ހުރިހާ ގޭބިސީތަކެއްގެ މަޢުލޫމާތުތައް ނެގޭނެ ކޮންމެވެސް މަގެއް އިޚްތިޔާރު ކުރުން. އިރާދަކުރެއްވިއްޔާ އެ މަސައްކަތް އަޅުގަނޑުމެން ކުރާނަން" މުއާޒް ވިދާޅުވިއެވެ.

ދެހާސް އަށާރަވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު ރައީސް ޔާމީން ކާމިޔާބު ކުރެއްވުމުގެ ގޮތުން އެމަނިކުފާނުގެ އަނބިކަނބަލުން ފަށްޓަވާފައިވާ ކެމްޕެއިން ޙަރަކާތްތަކުގެ ތެރެއިން ޕީޕީއެމަށް މެމްބަރުން އިތުރު ކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން މި ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގަ އެކަނިވެސް ހަ ހާހެއްހައި މެމްބަރުން ވަނީ އެޕާޓީއަށް އަލަށް ސޮއިކޮށްފައެވެ.