ރާއްޖޭގެ "އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް" އަލަށް އުފެއްދެވުމާގުޅިގެން ކަމާގުޅޭ ތަޖުރިބާ ޙިއްސާކުރެއްވުމަށް ސޫދާނުގެ އިސްލާމިކް ކައުންސިލްގެ ބޭފުޅުން ރާއްޖެ ވަޑައިގަތީ އަންގާރަ ދުވަހުއެވެ. މި ވަފުދުގެ ބޭފުޅުން ވަނީ ރާއްޖޭގެ ކަމާގުޅޭ މުހިންމު ބައެއް ތަންތަނަށް ޒިޔާރަތްކުރައްވާފައެވެ.
އެގޮތުން މި ބޭފުޅުން ޤުރުއާނާއި ބެހޭ މަރުކަޒަށް ޒިޔާރަތްކުރައްވާ އެ މަރުކަޒުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައިވެއެވެ.
އަދި ޤުރުއާނުގެ ދާއިރާއިން އެ މަރުކަޒުގައި ހިންގަވާ ކޯސްތަކާއި އެ ކޯސްތައް އިތުރަށް ހަރުދަނާކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން އެމަރުކަޒުގެ އިސް ބޭފުޅުންނާއެކު އެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއަށް ޒިޔާރަތްކުރައްވައި އެ ޔުނިވަރސިޓީގެ މަސައްކަތްތައް ކުރިއަށްދާގޮތް ވެސް އެބޭފުޅުން ވަނީ ބައްލަވާލައްވާފައެވެ. އަދި ޤައުމީ ދާރުލް އާޘާރަށް ވެސް މި ބޭފުޅުން ޒިޔާރަތްކުރައްވާފައިވެއެވެ.
އަދި މި ދަތުރުގައި ރާއްޖޭގެ އިލްމުވެރިންގެ 4 ވަނަ މަހާސިންތާގައި ވެސް މިބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ. މިވަފްދުގެ ބޭފުޅުން ވަނީ އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒިޔާދާއި އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަބްދުއްﷲ ސަޢީދާއި ވެސް ބައްދަލުކުރައްވާފައެވ.
ސޫދާންގެ އިސްލާމިކް ކައުންސިލްގެ މި ވަފްދުގައި ސޫދާންގެ އިސްލާމިކް ފިޤްހު ކައުންސިލުގެ ޗެއަރމަން ޑރ.އެސަމް އަޙްމަދު އަލް ބަޝީރާއި، އެކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޑރ.އާދަމް އިބްރާހީމް އަލް ޝެއިން ދަވެލްބިތް ހިމެނިވަޑައިގަންނަވައެވެ. މި ވަފްދު ފުރައިވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހުއެވެ.